އާރްޑީސީ ހިޔާނާތް: ކުރީގެ އެމްޑީ މޫކޭގެ ގެ ބަލާފާސްކޮށްފި
އަހުމަދު ޝުރާއު
12/27/2024, 9:09:55 AM
--
ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން, އާރްޑީސީގެ ހިޔާނާތާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލާގައި ހެކި ހޯދަން ފުލުހުން އެކުންފުނީގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކުގެ ގެ ބަލައި ފާސްކޮށްފި އެވެ.
ފުލުހުން ބުނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައިގެ ތަޙްޤީގުގެ ބޭނުމަށް، އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު ދިރިއުޅޭތަން އަދި ސީއެފްއޯ ޔާސިރު އަށް ނިސްބަތްވާ 2 ތަނެއް، ބަލާފާސްކޮށް އިލެކްޓްރޯނިކް އައިޓަމްސް ސީޒްކުރެވިފައިވާނެ ކަމަށެވެ. ނަމަވެސް ސީޒް ކުރީ ކޮން އިލެކްޓްރޯނިކް ތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.
ފުލުހުން މާލޭގައި ހުންނަ މޫކޭގެ އެޕާޓްމެންޓަށް ކޯޓު އަމުރަކާއި އެކު ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ ފައިސާތަކެއް ވަދެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. މިމައްސަލާގައި އެ ކުންފުނީގެ ވެރިއެއްގެ އެކަންޓަކަށް 14 މިލިއަން ރުފިޔާ ވަދެފައިވާކަމަށް ތުހުމަތުވާ ކަމަށް ފުލުހުން އެކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުެއްގައި ވަނީ ހާމަކޮށްފައެވެ.
މިމައްސަލާގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީންކުރެވިފައިވާކަމަށާއި އަދި އެތިން މީހުންގެ އަމިއްލަ އެކައުންޓުން ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މީގެތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް 4 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ މީހެއްގެ އެކައުންޓަށް އާރުޑީސީގެ އެކައުންޓުން 216 ޓްރާންސެކްޝަން ހަދާފައިވާކަމަށާއި، ކޮންމެ ޓްރާންސެކްޝަނެއްގެ ތެރޭގައި އެތަކެއް މީހަކާއި ގުޅުންހުރި އިތުރު ޓްރާންސެކްޝަންތައް ހިމެނޭ ކަމަށާއި އަދި އޭގެއިން ކޮންމެ އެކައުންޓެއްގެ މައުލޫމާތަކީ ވަކިވަކިން ހޯދަންޖެހޭ މައުލޫމާތު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.