logoEN
Sto top
ސީދާ ތިން ސެޓުން ކަމަނާ ބަލިކޮށް ގުރޫޕްގެ އެއްވަަނަ ޓީމުގެ ގޮތުގައި ޑީއެސްއާރުސީ ރަނިން ސެމީ ފައިނަލް ޔަގީންކޮށްފި

ސީދާ ތިން ސެޓުން ކަމަނާ ބަލިކޮށް ގުރޫޕްގެ އެއްވަަނަ ޓީމުގެ ގޮތުގައި ޑީއެސްއާރުސީ ރަނިން ސެމީ ފައިނަލް ޔަގީންކޮށްފި

ހަސަން ޝަމްއޫން

logo

12/28/2024, 3:06:03 PM

# ބީ ބޯލް ހުވަދޫ ވަތަބަނޑޭރި ވޮލީބޯޅަ މުބާރާތް 20224# ދިވެހި ކުޅިވަރު # ގައްދޫ ކައުންސިލް

ޑީއެސްއާރުސީ ރަނިން އާއި ކަމަނާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

ގައްދޫ ކައުންސިލުން މުޅި ހުވަދޫއަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ " ބީ ބޯލްޑް ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގެ އަންހެން ޑިވިޝަން ގުރޫޕް އޭގައި ޑީއެސްއާރުސީ ރަނިން އާއި ކަމަނާ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑީއެސްއާރުސީ ރަނިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޑީއެސްއާރުސީ ރަނިން ކުޅުނު ފުރަތަމަ މެޗުގައި ގެމަނަފުށި އަތުން ެ3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި ފުނާޑު އަތުން ވެސް އެޓީމު މޮޅުވީ ސީދާ ތިން ސެޓުންނެވެ. އަދި ކަމަނާ ކުޅުނު ފުރަތަމަ މެޗުގައި ފުނާޑު އަތުން 3-0 ގެ ނަތީޖާއަކުން ބަލިވިއިރު، މިއީ އެޓީމުން ކުޅުނު ދެވަނަ މެޗެވެ.

މުޅި މެޗުގައި ވެސް ޑީއެސްއާރުސީ ރަނިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓު އެޓީމުން ކާމިޔާބުކުރީ 15 ޕޮއިންޓްގެ ބޮޑު ލީޑަކާއިއެކު 10-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓްގައި ޑީއެސްއާރުސީ ރަނިންގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިސެޓު އެޓީމުން ކާމިޔާބުކުރީ 19 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 6-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ދެސެޓާއި ޚިލާފަށް ތިންވަނަ ސެޓުގައި ކަމަނާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ވާދަވެރި ކުޅުމެއް ދެއްކި ނަމަވެސް މިސެޓް 18-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑީއެސްއާރުސީ ރަނިން އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްއާރުސީ ރަނިންގެ އާމިނަތު މާއިސް އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑީއެސްއާރުސީ ރަނިން ސެމީ ފައިނަލުން ޖާގަ ކަށްވަރުކޮށްފައިވާއިރު، މިމެޗުން ބަލިވި ކަމަނާ ކުޅުނު ދެމެޗުން ވެސް ބަލިވެ ބާކީ އެއްމެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

ގައްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށް މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ގައްދޫ ކައުންސިލްގެ ޚާއްސަ ދައުވަތަކަށް ފުވައްމުލަކު ސިޓީ އިން ބައިވެރިވި އަންހެން ދެޓީމު ވެސް ހިމެނެއެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލް ފުރަތަމަ މެޗުން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

މިގެ އިތުރުން ދެގުރޫޕުން ވެސް ދެވަނަ ހޯދާ ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފް މެޗުގައި ވާދަކުރަންޖެހޭނީ ސެމީފައިނަލް ފުރަތަމަ މެޗުން ބަލިވި ޓީމާއި ދެކޮޅަށެވެ. އަދި ޕްލޭއޮފް މެޗުން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.

23 ޑިސެންބަރު 2024 އިން 1 ޖެނުއަރީ 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 55،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ބީ ބޯލްޑް ޕްރައިވެޓް ލިމިޓެޑެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside