ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދިޔަ 8 ބިދޭސީއަކު އަތުލައިގެންފި
އަހުމަދު ޝުރާއު
12/25/2024, 6:35:20 AM
--
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދިޔަ 8 ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ހުޅުމާލޭގެ ފޭސް 1 އަދި 2ގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް މިދިޔަ ހޯމަ ދުވަހު ރެއިޑް އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މި އޮޮޕަރޭޝަންގައި ސައްހަ ވިސާއެއް ނެތް 08 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަން ވަނީ ހާމަކޮށްފައެވެ.
އިމިގްރޭޝަނުން އިއްޔެ ވަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައިވެސް ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި އެވެ. އެ އޮޕަރޭޝަންގައި 23 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދެވި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިރުޝާދުދެއްވާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން މި އަހަރަށް ޢަމާޒު ކަނޑައެޅީ ރާއްޖޭގައި ގަވައިދާ ޚިލާފައި އުޅޭ ބިދޭސީންނާއި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހިމެނޭގޮތަށް 5000 ބިދޭސީން އަނބުރާ ފޮނުވާލުމަށް ކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި ސަރުކާރުން ކަނޑައެޅުއްވި ޢަމާޒާއި އެއްގޮތަށް، މިހާތަނަށް 5000 ބިދޭސީން ރާއްޖެއިން އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރެކޯޑް އަދަދަކަށް ޤައުމަށް އަނބުރާ ފޮނުވާލާފައިވާއިރު، އެތެރޭގައި ޤަވާއިދާއި ޚިލާފަށް އެކިއެކި ވިޔަފާރިތައް ކުރަމުންދިޔަ ބިދޭސީން ގިނަކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި އަންނަ އަހަރު މި އޮޕަރޭޝަން އިތުރަށް ފުޅާކުރައްވާނެ ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.
ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމުގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ތަފްސީލީ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ބައޯމެޓްރިކްސް ހިމެނޭހެން 10000 ބިދޭސީންގެ މަޢޫލޫމާތު ވަނީ އެއްކޮށްފައެވެ.