އިމިގްރޭޝަންގެ އިތުރު ރެއިޑް އޮޕަރޭޝަނެއް ފޭސް 2 ގައި, 4 ބިދޭސީއަކު އަތުލައިގެންފި
އަހުމަދު ޝުރާއު
12/23/2024, 5:30:38 PM
--
ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް އިމިގްރޭޝަނުން ރެއިޑެއް ކުރިޔަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ޚާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އެ އޮޕަރޭޝަންގެ ތެރެއިން 26 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ބަލާފާސްކުރެވުނު ތަންތަނުން ގަވާއިދާ ހިލާފަށް އުޅުނު 4ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ވަނީ ގެނެސްފައި އެވެ.
އިމިގްރޭޝަން މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ފޭސް 2 ގައި ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން އެއޮޕަރޭޝަނުގައި 08 ފިހާރަ، 04 ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި 01 ސެލޫން ބަލައި ފާސްކޮށް މީގެތެރެއިން ދެ ތަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 03 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި އެވެ.
ޤަވާއިދާ ޚިލާފަށް ރާޢްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަ މަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ޝަމްޢާން ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މިގޮތުން ފެއްޓެވި ޚާއްޞަ އޮޕަރޭޝަނަކީ މި މައްސަލަ ޙައްލުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ޝަމްޢާން ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.