ސީދާ ތިން ސެޓުން ކަމަނާ ބަލިކޮށް ފުނާޑުން މުބާރާތް ފެށީ އިތުބާރާއެކު
ހަސަން ޝަމްއޫން
12/24/2024, 1:57:21 PM
ފުނާޑު އެސްސީ އާއި ކަމަނާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
ގައްދޫ ކައުންސިލުން މުޅި ހުވަދޫއަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ " ބީ ބޯލްޑް ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ފުނާޑު ސްޕޯޓްސް ކުލަބާއި ކަމަނާ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ފުނާޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މިމެޗަކީ އިއްޔެ ހަވީރު ކުޅުމަށް ޝެޑިއުކުރި މެޗެކެވެ. ނަމަވެސް މެޗު ފެށުނު ފަހުން ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން މެޗުގެ ބާކީ ނުނިމި އޮތް ބައި މިއަދަށް ރީޝެޑިއުލް ކުރީއެވެ.
މެޗުގެ ފުރަތަމަ ސެޓް 19 ޕޮއިންޓްގެ ލީޑަކާއެކު 06-25 ގެ ތަފާތުބޮޑު ނަތީޖާއަކުން ފުނާޑުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 18 ޕޮއިންޓްގެ ލީޑަކާއެކު 07-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެެ.
މެޗުގެ ފުރަތަމަ ދެ ސެޓް ފަސޭހަކަމާއެކު ފުނާޑުން ކާމިޔާބުކުރި ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި ކަމަނާ އިން ވަނީ އެޓީމުގެ ކުޅުން ބޮޑުތަނުން ރަނގަޅުކޮށް ސެޓްގެ ފަހު ވަގުތާހަމައަށް ވެސް ވާދަވެރި ކުޅުމެއް ދައްކައިދީފައެވެ. އަދި މިސެޓް 26-28 ނަތީޖާއަކުން ފުނާޑުން ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ މަރިޔަމް ސަމާ އެވެ.
ގައްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށް މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ގައްދޫ ކައުންސިލްގެ ޚާއްސަ ދައުވަތަކަށް ފުވައްމުލަކު ސިޓީ އިން ބައިވެރިވި އަންހެން ދެޓީމު ވެސް ހިމެނެއެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލް ފުރަތަމަ މެޗުން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.
މިގެ އިތުރުން ދެގުރޫޕުން ވެސް ދެވަނަ ހޯދާ ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފް މެޗުގައި ވާދަކުރަންޖެހޭނީ ސެމީފައިނަލް ފުރަތަމަ މެޗުން ބަލިވި ޓީމާއި ދެކޮޅަށެވެ. އަދި ޕްލޭއޮފް މެޗުން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.
23 ޑިސެންބަރު 2024 އިން 1 ޖެނުއަރީ 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 55،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ބީ ބޯލްޑް ޕްރައިވެޓް ލިމިޓެޑެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.