ފެނަކައިގެ އެމްޑީ ކަމުން މުއާޒް އިސްތިއުފާދެއްވައިފި
އަހުމަދު ޝުރާއު
12/23/2024, 6:36:04 AM
--
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
މުއާޒް އިސްތިއުފާ ދެއްވިކަން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދީފައި އެވެ. އެގޮތުން މުއާޒް އިސްތިއުފާ ދެއްވައި ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ފޮނުއްވި ސިޓީގެ ކޮޕީއެއް ވަނީ ޝާއިއުކޮށްފައެވެ.
އިސްތިއުފާގެ ސިޓީގައި މުއާޒް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެއް އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގަން ދިމާވި ގޮންޖެހުންތަކާއި ދަތިތަކާ އެކުގައި ވެސް ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށް ދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އަދި ކުންފުނިތަކަކީ ލިބޭ އާމްދަނީން ހިންގަން ޖެހޭ ތަންތަން ކަމަށް ވިޔަސް ފެނަކައިގެ މާލީ ހާލަތު އޮތްގޮތުން އެކަން އެގޮތަށް ކުރަން ފެނަކަ އަށް ދަތިވެފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.
އޭގެ ސަބަބުތަކުގެ ތެރޭގައި މުއާޒް ފާހަގަކުރެއްވީ ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައި ނުވުމެވެ.
އިސްތިއުފާ ދެއްވަން ނިންމެވި ސަބަބުތަކުގެ ގޮތުގައި މުއާޒް ފާހަގަކުރެއްވީ ކުންފުންޏާ ހަވާލުވި އިރު 4.3 މިލިއަންގެ ރުފިޔާގެ ދަރަނި އޮތުމާއި ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާތައް ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒްކުރަން ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ވެސް ލިބިފައި ނުވުމެވެ. އަދި ކުންފުނީގެ ބެލެނިވެރި ފަރާތް ކަމަށްވާ މާލީ ވުޒާރާ އަށް މިކަންކަމުގައި ހުރި ދަތިތަކާއި އިސްވެ ދެންނެވުނު ހާލަތުން އަރައިގަތުމަށްޓަކައި މަޝްވަރާކޮށް، ގޮތެއް ހޯދުމަށް ތަފާތު އެކި ފަހަރު މަތިން ވާނީ ދެންނެވިފައިވާނެ ކަމަށެވެ.
ރައީސްއަށް ފޮނުއްވި ސިޓީގައި މުއާޒް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ހިދުމަތްތަކުން އެންމެ ހިނދުކޮޅަކަށް ވެސް މަހުރޫމު ވާން ޖެހުން އެއީ އޭގެ ސަބަބުން އޭނަށއި ކުންފުންޏާއި އަދި ރައީސްއަށްވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތައް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެއް ކަމަށާއި އެހެންކަމުން ފެނަކަ އަށް ލިބޭ އާމްދަނީ އަށް ވުރެ، ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތުގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާތީ އިސްތިއުފާ ދެއްވަން ނިިންމެވީ ކަމަށެވެ.