--
ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ އެކްސަސައިޒް "ރަންނަމާރި ހަންޓް 2024" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެކްސަސައިޒްގައި ބައިވެރިވި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީއެވެ.
މި މަހުގެ 8 އިން 22 އަށް ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި އެކްސަސައިޒްގައި، އެމްއެންޑީއެފް ހުރިހާ ކޯރތަކެއް ހިމެނޭ ގޮތުން 39 ސިފައިން ބައިވެރިވެފައިވެއެވެ.
އެމްއެންޑީއެފް ސަރވިސްތަކުގެ މެދުގައި އޮޕަރޭޝަންތައް ހިންގުމުގައި ޖޮއިންޓްނެސް ވަރުގަދަ ކުރުމާއި އަދި ޖޮއިންޓް ޕްލޭނިންއަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ޖޮއިންޓް ޕްލޭނިންގ ޕްރޮސެސް (ޖޭޕީޕީ) ކިޔަވައިދީ، ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒްގެ ބައިވެރީން ވަނީ، މިއަދު ކުރިއަށްދިޔަ ރަންނަމާރި ހަންޓްގެ ކަލްމިނޭޝަންގައި، ކަނޑައެޅިފައިވާ ސިނާރިއޯއަށް، ޖޮއިންޓް ޕްލޭނިންގ ޕްރޮސެސްގެ ބައިތައް ބޭނުންކޮށްގެން އޮޕަރޭޝަން އޯޑަރ ތައްޔާރުކޮށް، ކޮމާންޑަރަށް ހުށަހަޅައިދީފައެވެ.
މި އެކްސަސައިޒް ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، އެކްސަސައިޒްގެ އޮބްޒަރވަރުން ބައިވެރިވެލެއްވިއެވެ.