ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން ހަދިޔާކޮށްފި
އަހުމަދު ޝުރާއު
12/16/2024, 3:57:43 PM
--
ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ޖަޕާނު ސަރުކާރުގެ ފަރާތުން އެ އާލާތްތައް އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ތަކެއުޗީ މިދޯރީއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ އާލާތްތަކާ ހަވާލުވެލެއްވީ، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ވަނީ ޖަޕާނު ސަރުކާރަކީ ދިވެހިރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ޤައުމެއްކަން ފާހަގަކުރައްވައި، އެ ޤައުމުން އެމްއެންޑީއެފްއަށް އެހީ ހަދިޔާކޮށްދެއްވާފައިވާތީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި، އޮޕަރޭޝަނަލް އާލާތްތަކާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ފޯރުކޮށްދޭ ޚިދުމަތްތައް، ކުރިއަށް އޮތް ދުވަސްތަކުގައި ދެގުނަ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި، މިއަދު ހަދިޔާކުރެއްވި އާލާތްތަކުގެ ސަބަބުން، އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުމަތީގެ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަވަހަށް އަދި ހަރުދަނާކަމާ އެކު ހަރަކާތްތެރިވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލިއްޔަތުކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ
މި ރަސްމިއްޔާތުގައި ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމްއާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޖަޕާނުގެ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ސެކްރެޓަރީ، ބައިލެޓަރަލް، އަލްފާޟިލާ ޑރ. ހަލާ ޙަމީދު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.