ބްރެޒިލްގައި ބަހަކާއި ޓްރަކެއް ޖެހި 32 މީހުން މަރުވެއްޖެ
އަހުމަދު ޝުރާއު
12/21/2024, 4:52:04 PM
--
ބްރެޒިލްގެ ދެކުނުއިރުމަތީގެ ހައިވޭއެއްގައި ފަސިންޖަރު ބަހަކާއި ޓްރަކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 32 މީހުން މަރުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ފަތިހު ލަޖިންހާ އަވަށުގެ ކައިރީގައި ހިނގި އެކްސިޑެންޓު ސައިޓަށް ދިޔަ މިނާސް ޖެރައިސް ސްޓޭޓްގެ ފަޔާ ޑިޕާޓްމަންޓުން ބުނީ "32 އާއި 35 އާ ދެމެދުގެ އަދަދަކަށް މީހުން" މަރުވެފައިވާ ކަމަށެވެ. މީގެ ކުރިން އެޑިޕާޓްމެންޓުން ބުނެފައި ވަނީ ޓިއޯފިލޯ އޮޓޯނީ ސިޓީ ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް 13 މީހަކު ގެންގޮސްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަހަކީ ސައޯ ޕައުލޯއިން ފުރައިގެން 45 ފަސިންޖަރުން ދަތުރުކުރި ބަހެކެވެ.
އޮފިޝަލުން ބުނީ ބަސް ޓަޔަރެއް ފަޅައިގެންދިޔުމުން ޑްރައިވަރު ކޮންޓްރޯލް ނުވެ ޓްރަކެއްގައި ޖެހި އެކްސިޑެންޓްވީ ކަމަށެވެ. އަދި ކާރެއް ވެސް ބަހުގައި ޖެހި އެކްސިޑެންޓްވި ނަމަވެސް އެ ބަހުގައި ދަތުރުކުރި ތިން މީހުން ވެސް ސަލާމަތްވެފައިވާ ކަމަށް ފަޔާ ޑިޕާޓްމަންޓުން ބުންޏެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އެންމެން މިހާރު ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ބްރެޒިލްގެ މީޑިއާ އެއް ކަމަށްވާ ގްލޯބޯ އިން ބުނި ގޮތުގައި އެކްސިޑެންޓު ހިނގުމުން ޓްރަކް ޑްރައިވަރު ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.