ދެކުނަށް މިރޭވެސް މޫސުންގޯސް: 4 އަތޮޅަށް ހުދު ސަމާލު ނެރެފި
އަހުމަދު ޝުރާއު
12/21/2024, 4:29:15 PM
--
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ 4 އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ގދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިރޭގެ 20:00 އިން ފެށިގެން 02:00 ގެ ނިޔަލަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި އެސަރަހައްދަށް މިރޭ 19 މޭލައި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ވަރަށް ގަދަވާނެ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މޫސުން ބަދަލުވާ ދުވަސްވަރު މި ސަރަހައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށް މިދިޔަ ހަފްތާގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައި އެވެ. މިގޮތުން ބަންގާޅު ކަނޑުގައި އާއި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް އެއިދާރާއިން ވަނީ ބުނެފައި އެވެ.
މި ދެ ކޮޅިގަނޑާއި ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ ސަހައްދުގެ އާންމު ވައި ބާރުވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޭރު ވަނީ ބުނެފައި އެވެ.