ރާއްޖެ ކައިރީގައި ބާރުގަދަ ދެ ކޮޅިގަނޑު: ކުރިޔަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
އަހުމަދު ޝުރާއު
12/16/2024, 9:40:33 AM
--
ރާއްޖެ ކައިރީގައި ބާރުގަދަ ދެ ކޮޅިގަނޑު އެފެދުމާއި ގުޅިގެން ކުރިޔަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މޫސުން ބަދަލުވާ ދުވަސްވަރު މި ސަރަހައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށެވެ. މިގޮތުން ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ދަތުރުކުރާނެ ކަމަށް ވަނީ ބުނެފައި އެވެ. އަދި މި ހަފުތާގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި، ހުޅަނގަށް ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މި ދެ ކޮޅިގަނޑާއި ގުޅިގެން ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަހައްދުގެ އާންމު ވައި ބާރުވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައި އެވެ.
މިއާއި އެކު އާންމު ގޮތެއްގައި ދެކުނަށާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑޮއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށއި އެހެންކަމުން އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެބަޔާނުގައި ބުނެފައި އެވެ.
އެއިދާރާއިން އިތުެރަށް ބުނީ މި ދުވަސްވަރު ގަދަވަޔާ އެކު، ވިއްސާރަކޮށް، ގުގުރުމާ އެކު، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40-50 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށާއި އަދި ދެކުނާއި މެދު ރާއްޖެ ތެރޭގެ ސަރަހައްދަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
މިއާއެކު ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ ނިމުންތަކާއި ސަލާމުތަކަށް އިސްކަން ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.