ޗުއްޓީއާ ދިމާކޮށް މާލެއިން ފުރާ މީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް
އަހުމަދު ޝުރާއު
12/19/2024, 3:35:16 PM
--
ރައްޔިތުން އެކިކަންކަމަށް ހޭކުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލު ޗުއްޓީ ދުވަސްވަރާ ދިމާކޮށް މާލެއިން ރަށްރަށަށް ފުރާމީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުުގެ ޕްރޮގްރާމެއް މާލެ ޕޮލިހުން ހިންގައިފިއެވެ.
ޑިސެންބަަރު 19 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުރިއަށް އޮތް ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު މާލެއިން ފުރައިގެން ތަންތަނަށް ދާނެކަމަށް ބެލެވޭތީ، އެފަރާތްތަކާ ބައްދަލުކޮށް ފުރައިގެން ދިޔުމުގެ ކުރިން ގޯތި ގެދޮރަށާއި އަގުބޮޑު މުދަލަށް ރައްކާތެރިވާނެ ގޮތްތައް ކިޔައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި މިޕްރޮގްރާމުގެ ތެރެއިން މިއަދު ވަނީ މާލޭގެ އެއް ނަންބަރު ޖެޓީ ސަަރަހައްދުގައި ފުރަން ގޮސްތިބި މީހުންނާ ބައްދަލުކޮށް މައުލޫމާދީފައެވެ.
އެގޮތުން އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެ، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް އިިރުޝާދު ދީފައިވެއެވެ. އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ފުރުމުގެ ކުރިން ކަށަވަރުކުރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކޮށްފައި ބެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ. އަދި ސައިކަލުގެ ހުންގާނާއި ޝަޓަރ ވެސް ލޮކްކޮށް ތަޅުދަނޑި ޖަހާފައި ނުބަހައްޓާ އިތުބާރުކުރެވޭ ޒިންމާދާރު މީހަކާ ހަވާލުކުރުމަށްވެސް ހަނދާން ކޮށްދީފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން މާލޭގައި މީހުން ފުރަންދާ ތަންތަނަށް ފުލުހުން ގޮސް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.