
--
ދ ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ހާމަކޮށްފި އެވެ.

އާރްޑީސީން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ބޮޑުރަސްގެފާނު މަގުގައި ޑީވޯޓަރ ހޮޅި އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ކުރުމުގެ އިތުރުން މޫނިމާ މަގުގައި ދޫވާރުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
މީގެ އިތުރުން މިމަހުގެ ތެރޭގައި އާރްޑީސީން ވަނީ އެރަށުގެ ކާސިންޖީ ހިނގުމުގައި ޑީވޯޓަރ ހޮޅި އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ކުރުމުގެ އިތުރުން ފަރީދީ މަގުގައި ކުދި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ވެސް ކޮށްފައެވެ.
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ.
މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ. މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މަޝްރޫއުގެ މަސައްކަތް މާ ބޮޑަކަށް ކުރިޔަކަށް ނުދެއެވެ.