
--
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ، ފުއާދު ތައުފީޤް މިއަދު ޢައްޔަންކުރައްވައިފިއެވެ.

ފުއާދު ތައުފީޤަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ފުއާދު ތައުފީޤު ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބަސެޑަރ އެޓް ލަރޖްގެ މަޤާމުގައެވެ. ފުއާދު ތައުފީޤަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރު ކަމަށް ފުއާދު ތައުފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. ރުހުން ހޯދަށް ވޯޓަށް އެހި ޖަލްސާގައި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރު ކަމަށް ފުއާދު އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ.



