
ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކުދިންގެ ދަފްތަރުގައި 2،116 ދަރިވަރުން!
# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ--
ރާއްޖެ އިން ބޭރުން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންގެ ދަފްތަރުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ރަޖިސްޓަރ ވެއްޖެ އެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން އެކުލަވާލައިފައިވާ މި ދަފްތަރުގައި، 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުންނާއި އެކު ޖުމްލަ 2،116 ދަރިވަރުން ވަނީ މިހާތަނަށް ރަޖިސްޓްރީވެފައި ކަމަށް އެވުޒާރާއިން ބުނެއެވެ.
މިފަދަ ދަފްތަރެއް ޤާޢިމުކުރުމުގެ މަޤްސަދަކީ ބޭރުގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންނާއި ގުޅޭ މުޙިއްމު ކަންކަން ބެލެހެއްޓުމުގައި ލުއިފަސޭހަކަން ހޯދުމުގެ އިތުރުން ދިވެހި ދަޢުލަތުގެ ފަރާތުން އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮއްދިނުމެވެ.
ސަރުކާރުން ދެއްވާ ސްކޮލޮޝިޕާއި، ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލީ މިއަހަރުގެ އޭޕްރިލް މަހުގައެވެ.