--
އާއިލާއެއް ފަށައި ދަރިންލިބޭ ހިސާބުން ބައެއް ފަހަރު އަމިއްލަ ނަފްސަށް ދޭން ޖެހޭ އަޅާލުން މަޑުމަޑުން ފަޑުވެ އެވެ.
ބައިވެރިޔާއާއި ދަރިންގެ ބޭނުންތަކަށާއި އުފަލަށް އިސްކަން ދިނުމަކީ ގިނަ ފަހަރަށް އެންމެ އިސްކަންދެވޭކަމަށް ވެގެންދެއެވެ. ކުރިން އަމިއްލަ ހިތްހަމަޖެހުމަށް ކުރާ ކަންތައްތަކުން މަޑުމަޑުން ދުރުވެވެއެވެ. އެގޮތުން ސޯލޯ ނުވަތަ އެކަނި ދަތުރުކުރާ ހިތްވާ މީހުންވެސް އާއިލާއެއް ފަށައި ހިސާބުން އެކަންއެއްކޮށް ގިނަފަހަރު ހުއްޓާލައެވެ. ގިނަ ފަހަރަށް މުޖުތަމަޢުގެ ޕްރެޝަރުގެ ސަބަބުންވެސްމެއެވެ. ކައިވެންޏަށްފަހު ނުވަތަ ދަރިން ލިބުމަށްފަހު އެކަނި ދަތުރުކުރާ ވާހަކަދެއްކުމުން އެތަށް ސުވާލެއް އަމާޒުވެއެވެ.
ނަމަވެސް ހިނދުކޮޅަކަށް މަޑުކޮށްލާފައި ވިސްނާލާށެވެ.
މުޖުތަމައުގެ އުއްމީދުތަކުގެ ސަބަބުން އަމިއްލަ ނަފްސަށް އުފާވެރިކަން ލިބޭކަންތައްތަކުން ދުރުވަނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ މިއީ އެކަމަށް ބަދަލު ގެންނަންވީ ވަގުތެވެ. ހާއްސަކޮށް ސޯލޯ ދަތުރެއް ފަދަ ކަމެއް ހުއްޓާލުމުގެ އެއްވެސް ފައިދާއެއް ނެތެވެ. ސޯލޯ ދަތުރުތަކަކީ އޭގެ ސަބަބުން އަމިއްލަ ނަފްސަށް އެތަށް ފައިދާތަކެއް ކުރާ ކަމެކެވެ.
ސޯލޯ ދަތުރެއްގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެއެވެ. އޭގެ ސަބަބުން ބޭކާރު ވިސްނުންތަކުން ދުރުކޮށް، ސްޓްރެސް ކުޑަކޮށް، އާ ވިސްނުންތަކަށް މަގުފަހިކޮށްދެ އެވެ. އަދި މިނިވަންކަމާއި އަމިއްލަ ނަފްސަށް ބަރޯސާވެވޭ މިންވަރު އިތުރުވެގެންދެއެވެ.
ސޯލޯ ދަތުރު ކުރުމުގެ މާނައަކީ ބައިވެރިޔާއާ ދުރުވުމެއް ނޫނެވެ. އެއީ ދެމީހުންގެ މެދުގައި އޮންނަ އިތުބާރު އިތުރަށް ވަރުގަދަކޮށްދޭ ކަމެކެވެ. އަދި އެކަކު އަނެކަކުގެ އަމިއްލަ ވަންތަކަމަށް އިހުތިރާމްކުރަން ދަސްވެގެންދާނެއެވެ. ނަމަވެސް ސޯލޯ ދަތުރުތައް ކުރުމަށް ހުރިހާ ބައިވެރިން ހިތްހަމައެއް ނުޖެހެ އެވެ. ދަތުރުގެ މަގްސަދާއި އޭގެ ފައިދާ ތައް ބަޔާންކޮށް ސާފުކޮށް އެކަމާ ބެހޭގޮތުން ބައިވެރިޔާއާ ވާހަކަދެއްކުމުން އެ ނިންމުން ބަދަލުވާން އެހީތެރިވެދޭނެއެވެ.
ދަރިން ލިބުމުގެ މާނައަކީ ސޯލޯ ދަތުރުކުރުން ހުއްޓާލަންވީ ސަބަބެއް ނޫނެއެވެ. އާއިލާ ބައިވެރިކުރުމަށާއި، ތިބާ ނެތް ވަގުތުތަކުގައި އަމިއްލައަށް ކަންކަން ކުރަން ދަސްކުރުމަށް މިއީ އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ސޯލޯ ދަތުރުކުރުމާއި ދެމަފިރިންގެ ޗުއްޓީ ބެލެންސް ކުރަން ޖެހޭނީ ވިސްނުންތެރި ކަމާއެކު ރޭވުމަށެވެ.
ސޯލޯ ދަތުރުކުރުމުގެ ކުރިން ޕްލޭން ކުރުމާއި މާލީ ކަންކަމާ މެދު މަޝްވަރާ ކުރުމަކީ އަދި އެހާމެ މުހިންމުކަމެކެވެ. އަދި ދަތުރުގައި ފޮޓޯއިން ނުވަތަ ގުޅައިގެން ބައިވެރިޔާއަށް އަޕްޑޭޓްތައް ހިއްސާކުރުމާއި ސާފުކޮށް މުއާމަލާތްކުރުންވެސް މުހިންމެވެ.