ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު!
އަހުމަދު ޝުރާއު
12/3/2024, 8:04:41 AM
--
ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ ގެ މަރާއި ގުޅިގެން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު އެވެ. އެމަރަށް ދެމަސް ވެގެން ގޮސްފައިވާއިރު މިކަމާއި ގުޅިގެން ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވެފައިމިވަނީ އެމައްސަލައާއި ގުޅިގެން ހޮޅުދޫގައި ދާދި ފަހުން އިހްތިޖާޖެއްވެސް ކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.
ފުލުހުން މިއަދު ނޫސްވެރިންނަށް ފޮނުވި ދައުވަތެއްގައި ބުނެފައި ވަނީ ނ. ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ އާއި ކުޅުދުއްފުށި ސިޓީ، މުޙައްމަދު ޙަސަންގެ މަރުގެ މައްސަލައާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 15:15 ގައި އޮންނާނެ ކަމަށެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ނުލިބި ދިގުލައިގެންދާތީ ހޮޅުދޫގެ ރައްޔިތުން މިދިޔަ ހޯމަ ދުވަހު ވަނީ އިހުތިޖާޖަށް ނުކުމެ، އަޑު އުފުލައިފަ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ކުނި ނަގަން ވަން ބިދޭސީންތަކަކަށެެވެ. އެ ތަނުގައި ގިނަ އަދަދަކަށް ލޭ ހުރިއިރު ކައިރީގައި ވަޅިއެއް އޮތެވެ. ހޮޅުދޫގައި ކުރި އިހްތިޖާޖުގައި ޒަކިއްޔާގެ ހަށިގަނޑު ފެނުނު ބައެއް މީހުން ބުނެފައިވާގޮތުގައި އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށެވެ. އެހެން ކަމުން މި މަރުގެ ފަހަތުގައި ބައެއް ނުވަތަ މީހެއްގެ ބައިވެރިވުން އޮތް ކަމަށް ހޮޅުދޫ ރައްޔިތުން ތުހުމަތު ކުރެއެވެ.
ފުލުހުން ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވެފައިވާއިރު ފާއިތުވި ދެމަހުވެސް އެމަރުގެ ތަހުގީގަށް ފުލުހުންގެ ޓީމެއް ވަނީ އެރަށުގައި ހަރަކާތްތެރިވެފައި އެވެ. ނަމަވެސް އަދި މިހާތަނަށް މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ނިންމާފައިވަނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތްވާ ފެނުނު މުޙައްމަދު ޙަސަންގެ މަރާއި ގުޅޭގޮތުންނެވެ.