
--
އެން.ސީ.އައި.ޓީ އިން ތަރައްޤީކޮށް ބަލަހައްޓަމުންދާ އީފާސް ނިޒާމުގައި ބޭނުންކުރަމުންދާ އޮންލައިންކޮށް މޫނު ދެނެގަންނަ (ފޭސް ވެރިފިކޭޝަން) ހިދުމަތް އަލުން ފަށައިފި އެވެ.

އެންސީއައިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީފާސް ނިޒާމުގައި ބޭނުންކުރަމުންދާ އޮންލައިންކޮށް މޫނު ދެނެގަންނަ (ފޭސް ވެރިފިކޭޝަން) ހިދުމަތް ދިނުމަށް ކުރިން ހަވާލުކޮށްފައިވާ "ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޑް ލިމިޓެޑް" (ސަމްސަބް) ކުންފުނިން އެ މަސައްކަތް ވަކިކޮށް އައު ވެންޑާއަކާއި މަސައްކަތް ހަވާލުކުރުމަށްފަހު އަލުން އޮންލައިން ފޭސް ވެރިފިކޭޝަންގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން މިވަގުތު މި ހިދުމަތް ލިބޭނީ އިފާސް ވެބް މެދުވެރިކޮށް ކަމަށާއި އަދި އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒާތަކުން އީފާހަށް ލޮގިންކޮށް މި ހިދުމަތް ލިބޭނެކަމަށް އެން.ސީ.އައި.ޓީ އިން ހާމަކުރެއެވެ.
ފޭސް ވެރިފިކޭޝަން ހެދުމަށް މިހާރު ބޭނުންކުރަމުންދަނީ ލެޓްވިއާގައި ރަޖިސްޓަރީ ކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަންއެއް ބޭނުންކޮށްގެނެވެ. އަދި މިކަން ހިގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެނޫންވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާއި ނުލައި އެން.ސީ.އައި.ޓީގެ އެތެރޭގައެވެ. ރެގިއުލާ ފޮރެންސިކްސް އަކީ 30 އަހަރުގެ ތަޖުރިބާއާއި އެކު ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދޭ ޤާބިލް އަދި ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކާއި ތަފާތު އެކި ޤައުމުތަކަށްވެސް ހިދުމަތް ދެމުންދާ އިތުބާރު ހުރި ކުންފުންޏެކެވެ.
އީފާސްގެ ފޭސްވެރިވިކޭޝަން އަށް ގެނައި މިބަދަލާއި ގުޅިގެން އެން.ސީ.އައި.ޓީ އާއި ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސްވެރިޔާ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެފައިވަނީ "އަޅުގަޑުމެންގެ އަމާޒަކީ އީފާސްގެ ނިޒާމް ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް މި ނިޒާމަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ، ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ނިޒާމަކަށް ހެދުން". އަދި އިތުރަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ މި އަމާޒުހާސިލްކުރުމުގައި އަބަދުވެސް ރައްޔިތުންގެ އަޑުއަހައި އިހުސާސްތައް ދެނެގެން ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެކަމަށެވެ.
އީފާހުގެ މުހިންމު އެއް ބޭނުމަކީ ދައުލަތުން ފޯރުކޮށްދޭ ޑިޖިޓަލް ހިދްމަތްތައް ފޯރުކޮށްދިނުމުގައި އެ ހިދުމަތް ދެވެނީ ހިދުމަތަށް އެދޭ އަސްލު ފަރާތައްކަން ކަށަވަރުކުރުމެވެ. މީގެ ބޭނުމަކަށްވަނީ އެހެން މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައި އޮޅުވާލައިގެން މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ހަނިކުރުމެވެ.އޮންލައިން ފޭސްވެރިފިކޭޝަންގެ ހިދުމަތް ތައާރަފުކުރުމުގެ ކުރިން އީފާހުގެ ވެރިފަރާތް ކަށަވަރުކުރަމުންއައީ އެކަމަށް ހާއްސަކުރެވިފައިވާ މަރުކަޒުތަކަށް އެފަރާތްތަކުން ހާޒިރުވެ ނުވަތަ ވީޑީއޯ ކޯލް ކޮށްގެން ބެލުމަށްފަހު އެމައުލޫމާތު މެނުއަލްކޮށް އަޕްޑޭޓްކޮށްގެނެވެ. ނަމަވެސް 2023 ގައި އޮންލައިން ފޭސް ވެރިފިކޭޝަން ތައާރަފުކުރުމުން އިފާސް ބޭނުންކުރާ ފަރާތަށް ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއި އެކު ފޭސްވެރިފިކޭޝަން ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.






