![އެގްރިކަލްޗާރ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން މިނިސްޓަރު ޑރ މާރިޔާއަށް!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2FDr.-Mariya-laon.jpg&w=3840&q=75)
--
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާ އާ ޙަވާލުކުރައްވައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ރައީސް އޮފީހުން މިރޭ ބުނީ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ޑޮކްޓަރ ޢާއިޝަތު ރަމީލާ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން މިއަދު އިސްތިޢުފާދެއްވާފައިވާތީ، އެމަޤާމަށް ބޭފުޅަކު ޢައްޔަނުކުރެވެންދެން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާ އާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޙަވާލުކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރު އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގެ މަގާމަށް ދެން ބޭފުޅަކު އައްޔަނުކުރައްވާނެ ވަކި ތާރީހެއް އަދި މިހާއަށް ރައީސް އޮފީހުން ހާމަކުރައްވާފައި ނުވެއެވެ.
މިނިސްޓަރު ރަމީލާ އިސްތިއުދާ ދެއްވިކަން މިއަދު ރަސްމީކޮށް ހާމަކުރެއްވީ ރައީސް މުއިއްޒު ނެރުއްވި ރަސްމީ ބަޔާނެއްގައި އެވެ. ރައީސްގެ ބަޔާނުގައި ވިދާޅުވީ ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އެކަމަނާގެ އިސްތިއުފާ ޤަބޫލުކުރައްވާފައިވާ ކަމަށެވެ.
އަދި ޑރ ޢާއިޝަތު ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށްވެސް ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.
އަދި ޑރ ޢާއިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތްތާނގައިވެސް އެކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން ޔަގީންކުރައްވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މީގެ ކުރިން ޑރ ރަމީލާ ވަނީ ކެންސަރުގެ އާލަސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް އިންޑިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި އެވެ. އެދުވަސްވަރު މިނިސްޓްރީގެ ކަންކަން ބައްލަވަމުން ގެންދެވީ ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން އެވެ.