ގަވާއިދު ބަދަލުކުރަން ނުނިންމަން, ނިންމީ ގަވާއިދަށް ގާނޫނީ ބާރު ގެންނަށް - ގަވަރުނަރު
އަހުމަދު ޝުރާއު
11/27/2024, 7:41:00 AM
--
ދާދި ފަހުން ޢަމަލުކުރަން ފެށި ބޭރުފައިސާގެ އައު ޤަވާއިދަށް ބަދަލު ގެންނަން ނިންމާފައިނުވާ ކަމަށާއި ނިންމާފައިވަނީ އެގަވާއިދަށް ގާނޫނީ ބާރު ގެންނަށް ކަމަން ރާއްޖޭގެ މަރުކަޒީ ބޭންކު, އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން އިއްޔެ އާންމުންގެ ހިޔާލަށް ހުޅުވާލި ފޮރިން ކަރަންސީ ބިލުގެ ޑްރާފްޓާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެމްއެމްއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި ހަރުދަނާ ފޮރިން އެކްސްޗޭންޖު ގާނޫނެއް ނެތުމުގެ ސަބަބުން އެމްއެމްއޭ އޮތީ " އަތް ބަނދެވިފައި " ކަމަށާއި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު ވަނުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ބޭންކު ތަކަށް ވަންނަނީ އެވަރެޖްކޮށް 3 އިންސައްތަ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއިން ރާއްޖޭގެ ބޭންކުތަކަށް މުޅި ޖުމްލަ 10 އިންސައްތަ ވެސް ނުވަންނަކަން ގަވަރުނަރު ފާހަގަކުރެއްވި އެވެ.
މިއާއި އެކު 1 އޮކްޓޯބަރުގައި އެމްއެމްއޭއިން އާންމުކުރި ފޮރިން އެކްސްޖޭންޖު ގަވާއިދާއި އެކު ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު ވަންނަން ފެށުމާއި އެކު މިކަމުގެ އެންމެ ބޮޑު މަންފާއެއް ކުރާނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށް މުނައްވަރު ވިދާޅުވިއެވެ.
އޮކްޓޯބަރު 1 ވަނަ ދުވަހު އެމްއެމްއޭއިން ނެރުނު ފޮރިން އެކްސްޗޭންޖު ގަވާއިދު އިސްލާހުކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭ ގޮތަށް ހަބަރުތައް ގެނެސްފައިވާކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ އެމްއެމްއޭޭއިން ނެރުނު ފޮރިން އެކްސްޗޭންޖު ގަވާއިދަށް އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެގަވާއިދުގެ ދަށުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރު ވެގެންދާނެ ކަމަށެވެ. އެގޮތުން ގަވާއިދުގައިވާ ބައެއް މާއްދާތަކާއި ހިލާފަށް ބިލުގެ ޑްރާފްޓުގައި ހިމަނާފައިވާ ގިނަ އިސްތިސްނާތަކަކީ ވެސް ގަވާއިދުގައި މިހާރު ވެސް ހުރި އިސްތިސްނާތަކެވެ. އެކަމަކު ޓޫރިޒަމްގެ ދާއިރާގެ ފަރާތްތަކުން ގަވާއިދާ ގުޅޭގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން، ބައެއް ކުދި ބަދަލުތައް ބިލްގައި ހިމަނާފައިވާ ކަން މުނައްވަރު ފާހަގަކުރެއްވި އެވެ. ކަމާބެހޭ ފަރާްތަކަށް ގަވާއިދު ހިއްސާކުރުމަށްފަހުގައި ވެސް އަންގާފައިވާ ކަންކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.
އެކަންކަމަކީ
- 50 އެނދަށް ވުރެ ގިނަ އެނދު ހުންނަ ގެސްޓް ހައުސް އަދި ސިޓީ ހޮޓާތަކުން މާރުކުރަން ޖެހޭ މިންވަރު 25 ޑޮލަރަށް ބަދަލުކުރުން
- ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި ކޮމްޕްލިމެންޓަރީކޮށް ނުވަތަ ހިލޭ މަޑުކުރާ ފަރާތްތަކަށް ޑޮލަރު މާރުކުރަން ލާޒިމުނުވުން
- ދެ އަހަރު ނުވާ ކުޑަކުދިންނާއި 24 ގަޑިއިރު ހޭދަ ނުކުރާ ފަތުރުވެރިންނަށްވެސް ޑޮލަރު މާރުކުރަން ލާޒިމުނުވުން
ގަނަވަރު އިތުރަށް ވިދާޅުވީ ގަވާއިދު ގާނޫނަކަށް ބަދަލުކުރަން ނިންމާފައިވަނީ ގަވާއިދަށް ގާނޫނީ ބާރު ހޯދުމަށް ކަމަށާއި އެކަމުގެ ސަބަބުން ގަވާއިދަށް އަމަލުކުރާ ފަރާތްތަކާއި މެދު އެޅޭނެ ފިޔަވަޅުތަކެއްވެސް ބިލުގައި ހިމެނިގެންދާނެ ކަމަށެވެ. އެގޮތުން ބިލް އެކުލަވާލާފައިވަނީ ޑޮލަރު މާރުކުރަން ލާޒިމުވާ ޖުމްލަ އަދަދުގެ 0.05 ޕަސެންޓާއި 0.10 ޕަސަންޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި މާރުކުރަންޖެހޭ ދުވަހުގެ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ވެސް ޖޫރިމަނާ ހިނގާ ގޮތަށެވެ.
ޑްރާފްޓު ކުރި ބިލުގައިވާގޮތުން ޓުއަރިޒަމް ވިޔަފާރިތައް ފިޔަވާ އެހެން ވިޔަފާރިތަކުންވެސް 20 މިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ، ރާއްޖޭގެ ބޭންކުތަކަށް ބޭރުފައިސާ ޖަމާކުރަން ލާޒިމްކޮށްފައިވެއެވެ. އަދި މި ފަރާތްތަކަށް ލިބޭ އާމްދަނީގެ 25 އިންސައްތައްއަށް ވުރެ ބޮޑުނުވާ ގޮތަށް ބޭންކުތަކަށް މާރުކުރުމަށްވެސް އެ ބިލުގައި ހިމަނާފައިވެއެވެ.
މިދިޔަ އޮކްޓޯބަރ މަހު އަމަލުކުރަން ފެށި ބޭރުފައިސާގެ ޤަވާއިދުގެ ދަށުން، ވަކި ވަރެއް މާރުކުރުމަށް ލާޒިމް ކޮށްފައިވާއިރު ޤަވާއިދަށް އަމަލު ކުރުމަށް ބައެއް ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ.