ރޮނާލްޑޯގެ ދެލަނޑާއެކު އަލްޣަރަފާ އަތުން މޮޅުވެ އަލް ނަސްރު ދެވަނައަށް
ހަސަން ޝަމްއޫން
11/25/2024, 7:11:23 PM
ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ޣަރަފާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
އޭއެފްސީ ޗެނަޕިއަންސް ލީގުގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޤަތަރުގެ އަލް ޣަރަފާ އާއި ދެކޮޅަށް ކުޅުުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރުން ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މިމުބާރާތުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެންޕިއަން އަލް އައިން އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އަލް ޣަރަފާ އެންމެ ފަހުން އީރާންގެ ޕާސިޕޯލިސް،އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އަލް ނަސްރުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ 58 ވަނަ މިނެޓުގައި ބުރެޒިލްގެ ޒުވާން ފޯވާޑް އެންޖެލޯ ކާމިޔާބުކުރިއިރު، އޭޓީމުގެ ތިންވަނަ ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯ އެވެ. މިއީ މިސީޒަނުގެ ޗެންޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. އަދި މިމެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 913 އަށް އަރާފައެވެ.
އަލް ޣަރަފާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް ހޯސެލޫ އެވެ. ނަމަވެސް އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ސެޑޫ ސަނޯ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މިނަތީޖާއެކު ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ޣަރަފާ ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގައެވެ.