ފެނަކައިން ކުރިޔަށް ގެންދިޔަ ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތްތައް ނިމިއްޖެ
އަހުމަދު ޝުރާއު
11/25/2024, 11:56:43 AM
--
ފެނަކައިން އެކި ރަށްރަށުގައި ހިންގަމުންދާ އައު އޮފީސް އިމާރާތް ކުރުމާއި އިންޖީނުގެ ޤާއިމްކުރުމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
ފެނަކައިން މިއަދު ބުނީ އެކުންފުނިން ކުރިޔަށް ގެންދިޔަ މ.މުލި އަދި ބ.ކެންދޫގެ ފެނަކަ އޮފީސް އިމާރާތާއި ރ.ރަސްގެތީމުގެ އައު އިންޖީނުގެ ގޭގެ މަސައްކަތާއި ޔޯރީގައި ކުރިއަށް ގެންދިޔަ ޑެގްރޫމް އެކްސްޓެންޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން މ.މުލީގައި އިމާރާތް ކުރަމުންދިޔަ އޮފީސް އިމާރާތަކީ ޒަމާނީ ފެންވަރަށް އަލިފާން ނިވާ ސިސްޓަމަކާއި ފަޔަރ އެލާމް ސިސްޓަމެއްވެސް ޤާއިމްކޮށްފައިވާ އިމާރާތެކެވެ. ދެ ބުރިއަށް އިމާރާތް ކުރަމުންދާ މި އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް ވުމުން، އިމާރާތް ބޭނުން ކުރެވެން ފެށުމުން މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުން މިހާރަށްވުރެ ފަަސޭހަ ވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
މުލީގެ އިތުރުން ބ.ކެންދޫގެ އޮފީސް އިމާރާތަކީވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮފީސް އިމާރާތެއް ކަމަށާއި އޭގެ އިތުރަށް އައު އިންޖީނުގެއެއްވެސް އެރަށުގައި އިމާރާތްކޮށް، މިހާރުވަނީ %97 މަސައްކަތް ނިމިފައިކަން އެކުންފުނިން ހާމަކުރެއެވެ އަދި އައު އިންޖީނުގެއާއި އޮފީސް އިމާރާތް ބޭނުން ކުރެވެން ފެށުމުން މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވި، އެރަށުގެ އާއްމު ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށްވެސް އޭގެ ނަފާ ލިބިގެންދާނެކަމަށް ވަނީ ބިނެފައި އެވެ,
ފެނަކައިން ބުނީ ރ.ރަސްގެތީމުގައި ޤާއިމްކުރަމުންދާ އިންޖީނުގޭގެ މަސައްކަތްވެސް މުޅީންހެން ނިންމާލެވި، އަންނަ ހަފްތާގައި އިންސްޕެކްޝަން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އައު އިންޖީނުގެތައް އިމާރާތް ކުރުމުގެ އިތުރަށް އިންގީނުގޭގެ ޑެގްރޫމް ބޮޑުކުރުމުގެ މަޝްރޫޢުތަކެއްވެސް ފެނަކައިން ކުރިއަށް އެބަގެންދެއެވެ. އެގޮތުން ގދ.ފިޔޯރީގައި ކުރިއަށް ގެންދިޔަ ޑެގްރޫމް އެކްސްޓެންޝަން މަސައްކަތް މިހާރު ވަނީ މައި ދޮރުގެ މަސައްކަތް ފިޔަވައި އެހެން ހުރިހާ މަސައްކަތްެއް ފުރިހަމަކުރެވިފައެެވެ.
ފެނަކައިން ކުރިއަށް ގެންދާ މި މަޝްރޫޢުތަކުގެ ނިމުމުން އެރަށްރަށުގައި ފެނަކައިން ދޭ ޚިދުމަތްތައް ފުޅާކުރެވި، ޚާއްސަކޮށް ކަރަންޓުގެ ޚިދުމަތަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.