ސަލާހްގެ ދެލަނޑާއެކު ސައުތުހެމްޓަން އަތުން މޮޅުވެ ލިވަޕޫލުން ލީޑު ފުޅާކޮށްފި
ހަސަން ޝަމްއޫން
11/24/2024, 8:19:15 PM
ލިވަޕޫލާއި ސައުތުހެމްޓަން ވާދަކުރި މެޗުގެ ތެރެއިން
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ސައުތްހެމްޓަން އަތުން މޮޅުވެ ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އެސްޓަންވިލާ އަތުން މޮޅުވެފައިވާއިރު، ސައުތްހެމްޓަން އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ވުލްވްސް އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ލިވަޕޫލް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑޮމެނިކް ސްބޮސްޒްލާއި އެވެ.
ސައުތްހެމްޓަން އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެޑަމް އާމްސްރޯންގް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ސައުތްހެމްޓަން އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މެތިއުސް ފެނާންޑޭޒް އެވެ.
ލިވަޕޫލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ކާމިޔާބުކުރިއިރު، 83 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ސަލާހް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން ލިވަޕޫލަށް 31 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ އަށް ޕޮއިންޓްގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ސައުތުހެމްޓަން ކުޅުނު 12 މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.