ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ޤާނޫނީ ލިޔުންތައް ފޮނުއްވުމަށް ހަމަޖެހިފައިވާ ގޮތަށް ބަދަލުގެނެސްފި
އަހުމަދު ޝުރާއު
11/24/2024, 9:54:29 AM
--
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ޤާނޫނީ ލިޔުންތައް (ގަވާއިދުތަކާއި، އުސޫލުތައް) ފޮނުއްވުމަށް ހަމަޖެހިފައިވާ ގޮތަށް ބަދަލު ގެންނަވައިފިއެވެ.
މި ބަދަލު ގެންނަވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދިވަޑައިގެން، ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން ފޮނުއްވާ ޤާނޫނީ ލިޔުންތައް އޮފީހަށް ފޮނުއްވުމުގައި ޢަމަލުކުރައްވަމުން ގެންދަވާ ގޮތަށް، 2024 ނޮވެންބަރު 24 ވާ އާދީއްތަ ދުވަހުން ފެށިގެން ބަދަލު ގެންނެވުމަށް ނިންމަވައިފި ކަމަށާއި، ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދިވަޑައިގެން، ޤާނޫނީ ލިޔުންތައް ފޮނުއްވާނީ، މި އީމޭލަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާކަމުގައި ދެންނެވުމުގައި ބަޔާންކުރައްވާފައިވެއެވެ.
ހަމައެއާއެކު، ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ލިޔުމެއްގައި އިޞްލާޙުކުރަންޖެހޭ ކަންކަން ހުރި ނަމަ، އެ ކަންކަން އިޞްލާޙުކުރެއްވުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެންމެ ފަހުގެ ދެލިކޮޕީ ފޮނުއްވާއިރު، ދައުލަތުގެ އެކި ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިންގަމުންދާ މުއައްސަސާތަކާއި އިދާރާތަކުން ފޮނުއްވާނީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ނަންބަރު 2015/4 (ރަސްމީ ލިޔުންތަކުގައި ސޮއިކުރެއްވުމާއި ސިޓީ އެޑްރެސްކުރެއްވުން) ދެންނެވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ލިޔުންތަކުގައި ސޮއިކުރެއްވުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ގޮތަށް، އެ ވުޒާރާގެ ވަޒީރު ނުވަތަ އެ ވަގުތަކު އެ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާއެކުގައިކަމަށް ވެސް މި ދެންނެވުމުގައިވެއެވެ. އަދި ދައުލަތުގެ އެކިއެކި ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިންގަމުންދާ މުއައްސަސާތައް ފިޔަވައި ދައުލަތުގެ އެހެން އިދާރާތަކާއި މުއައްސަސާތަކުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެންމެ ފަހުގެ ދެލިކޮޕީ ފޮނުއްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ލިޔުންތަކުގައި ސޮއިކުރެއްވުމާ ގުޅޭގޮތުން ހަވާލާދީފައިވާ ދެންނެވުމުގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ތަނެއްގެ އެންމެ އިސްވެރިޔާ ނުވަތަ އެ ތަނެއް އެ ވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާއެކުގައި ކަމަށް ދެންނެވުމުގައި ބަޔާންކޮށްފައިވާ އީމޭލަށެވެ.
މީގެ އިތުރުން، ގެޒެޓުގައި ޝާއިޢުކުރުމަށް، ޤާނޫނީ ލިޔުންތައް ފޮނުއްވާއިރު، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފާފުޅު ހޯއްދަވަންޖެހޭ ދައުލަތުގެ އިދާރާތަކުން އެ ލަފާފުޅު ހޯއްދަވައި، އެ ލަފާފުޅާ އެއްގޮތަށް ޤާނޫނީ ލިޔުންތައް ތައްޔާރުކުރައްވައި، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފާފުޅާއެކު ފޮނުއްވުމަށާއި، އެ ލިޔުމަކާ ގުޅޭގޮތުން ރައީސުމްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން އެ ވުޒާރާއަކާ ނުވަތަ އެ މުއައްސަސާއަކާ ނުވަތަ އެ އިދާރާއަކާ މުޢާމަލާތުކުރާނެ ބޭފުޅެއްގެ ނަމާއި މަގާމާއި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ފޮނުއްވަމުން ގެންދެވުމަށާއި، ޤާނޫނީ ލިޔުންތައް ފޮނުއްވާއިރު ބަހުގެ ހަމަތަކަށާއި ޤާނޫނީ ހަމަތަކަށް ރަނގަޅަށް ބައްލަވައި ކުށް ފިލުއްވުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ޤާނޫނީ ލިޔުންތައް ތައްޔާރުކުރާ ފޯމެޓުގައި ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަންނަވާފައިވާކަމުގައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވެއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދިވަޑައިގެން، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އިދާރާތަކުން ފޮނުއްވާ ޤާނޫނީ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވުމުގައި ޢަމަލުކުރައްވަމުން ގެންދަވާ ގޮތަށް ބަދަލު ގެންނެވި ކަމުގައި ވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2010/11 (ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ގަވާއިދު ހެދުން) ދެންނެވުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2010/25 (ސަރުކާރުގެ އޮފީސްތަކުން ގެޒެޓްކުރުމަށް ގަވާއިދު ފޮނުއްވާއިރު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއެކު ފޮނުއްވުން) ދެންނެވުމަށް ބަދަލެއް ގެންނަވައިފައެއްނުވެއެވެ.