ރަށުން ބޭރުގައި ޓޮޓެންހަމް އިން ޗެންޕިއަން ސިޓީ ލަދުގަންނަވާލައިފި
ހަސަން ޝަމްއޫން
11/23/2024, 8:16:51 PM
ޓޮޓެންހަމް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ 4-0 ގެ ނަތީޖާއަކުން ބަލިކޮށް ޓޮޓެންހަމް އިން ސިޓީ ލަދުގަންނަވާލައިފިއެވެ.
މެންޗެސްޓާ ސިޓީ އިން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ބަލިވެފައިވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓަން އަތުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގައި އިޕްސްވިޗް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ޓޮޓެންހަމް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޓޮޓެންހަމްގެ އިގިރޭސި މިޑްފީލްޑަރު ޖޭމްސް މިޑްސަން ދެލަނޑު ކާމިޔާބުކުރިއިރު، ޑިފެންޑަރު ޕެޑްރޯ ޕޯރޯ އަދި ޒުވާން ފޯވާޑް ބްރަނަން ޖޯންސަން މިއިން ކޮންމެ ކުޅުންތެރުއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން ޓޮޓެންހަމްއަށް 19 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަ ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީއަށް 12 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.