އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށް ތިން ފަރާތަކާއިއެކު ސޮއިކޮށްފި
އަހުމަދު ޝުރާއު
11/20/2024, 8:56:12 AM
--
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުން ފަހިކުރުމަށްޓަކައި ތިން ފަރާތަކާއިއެކު އެއްބަސްވުމުގައި ސޮއިކޮޮށްފިއެވެ.
މި އެއްބަސްވުންތައް ތަންފީޒު ކުރެވިގެންދާނީ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ ދަށުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާލަދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި، ބައިވެރިންނާއި އެކު އެއްބަސްވެފައިވާ ކަންތައްތަކުގެ ދަށުން ވަޒީފާތަކަށް ހޭލުންތެރިކަން އުފެއްދުމަށްޓަކައި ނެޝަނަލް ކެރިއާސް ސަރވިސް މެދުވެރިކޮށް ހިންގާ ކެރިއާރ ގައިޑަންސް ޕްރޮގްރާމްތަކަށް ފަންނީ އެހީ ފޯރުކޮށްދިނުމާއި، މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން، މަސައްކަތްތެރިންނަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމުގެ ގޮތުން އެޕްރެންޓިސްޝިޕް ފުރުޞަތުތައް ހުޅުވާލުން ހިމެނިފައިވެއެވެ. އަދި މަސައްކަތްތެރިންނާ ގުޅޭގޮތުން އަދާހަމަ މަޢުލޫމާތުގެ ނިޒާމެއް ބިނާކުރުމަށްޓަކައި ބައިވެރިންގެ ދާއިރާތަކާއި ގުޅުންހުރި މަޢުލޫމާތު ކަނޑައެޅޭ އުސޫލަކުން މި މިނިސްޓްރީއާއި ހިއްސާކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. މީގެ އިތުރުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ފަރާތުން ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ޝަރީފް މުޙައްމަދު، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު،އެސް.ސީ) ގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަބްދުލް މަތީން މުޙައްމަދު، އަދި ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ގްރޫޕް ޑިރެކްޓަރ އޮފް ލަރނިންގ އެންޑް ޑެވެލޮޕްމަންޓް އަލްފާޟިލް ހަސަން ޝަމާމުއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ސެއިލްސް ޕްރޮޖެކްޓުން ހިންގާ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް ވަޒީފާއަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުން ހިމެނެއެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން ނެޝަނަލް ކެރިއަރސް ސަރވިސް ތަރައްޤީކޮށް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާދޭ ޕްލެޓްފޯމްގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރެވިގެންދާނެއެވެ.