
--
ހޯނޑެއްދޫ ކައުންސިލުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ސްމާޓް ހޯނޑެއްދޫ ޕްރޮޖެކްޓާ ގުޅޭގޮތުން އިންޑިއާ އެމްބަސީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހޯނޑެއްދޫ ކައުންސިލުން މި ނޫހަށް މައުލޫމާތު ދެމުން ބުނީ ރާއްޖޭގައި ހުންނަ އިންޑިއަށް ހައިކޮމިޝަނުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ސްމާޓް ހޯނޑެއްދޫ މަޝްރޫޢު އަށް އިންޑިއަން އެމްބަސީ އިން އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮންގޮތަކުންތޯއާއި މަޝްރޫޢަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދުމާއި ޓެކްނިކަލްއެހީތެރިކަން ހޯދުމަށް ހައިކޮމިޝަނަރ މަޝްވަރާކުރެވުނު ކަމަށެވެ.,
ސްމާޓް ހޯނޑެއްދޫ ޕްރޮޖެކްޓަކީ 10 އަހަރު ދުވަހަށް ޕްލޭންކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ''ވަރުގެ'' ޕޯޓަލް މެދުވެރިކޮށް ހޯނޑެއްދޫ ކައުންސިލުން ދޭ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމާއި ޝަކުވާވެސް ހުށަހެޅޭނެއެވެ. އަދި މީގެ އިތުރުން ސްޓްރީޓް ލައިޓްތައް ސޯލާ ލައިޓަށް ބަދަލުކުރުމާއި ރަށުގެ ސެކިއުރިޓީ ބެލެހެއްޓޭގޮތަށް މުހިންމު ހުރިހާ ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ އިތުރުން ރަށުގެ ސްޓޭކްހޯލްޑަރުންނާއެކު ހޯނޑެއްދޫ ކައުންސިލުން ބައްދަލުވުންތައް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ. އަދި މި ޕްރޮޖެކްޓާ ގުޅޭގޮތުން ޚިޔާލު ހޯދުމަށްވެސް އެކައުންސިލުން ވަނީ އާންމުންނަށް ހުޅުވާލާފައެވެ.