ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ދާނީ ފެންނަމުން - ރައީސް
އަހުމަދު ޝުރާއު
11/14/2024, 1:16:48 PM
--
ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ފެންނަން ފަށާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން މިހާރު ދެމުންދާ ސަބްސިޑީތަކާއި އިނާޔާތްތަށް ދިނުމުގެ އާމްދަނީއަށް ބަލައި އެކަންކަން އިތުރަށް މުރާޖާކޮށް ބަދަލުތަކެއް ގެންނަށް ނިންމުމާއި ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި އެވެ. އަދި މީގެ އިތުރުން ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ސަރުކާރުން ހެދި ގަވާއިދާއި ގުޅިގެން ބައެއް ވިޔަފާރިވެރިންގެ ނުރުހުންވެސް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެވެ.
މިއާއި އެކު މިއަދު އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ ކަމަށެވެ. އަދި މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމާއި ހަވާލުވިއިރު ގައުމުގެ އިގްތިސޯދު އޮތް ދަތި އަދި އުނދަގޫ ހާލަތުން ރަނގަޅު ކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ މީގެ ކުރީގެ ރައީސުންނަށް އަޅަން ނުކުރެނު އެތަކެއް ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ރާއްޖޭގެ އިގްތިސޯދީ ހާލަތާއި މާލީ ހާލަތު ރަނގަޅު ކުރުމަށް ހަރުކަށި ރީފޯމް އެޖެންޑާއެއް އެކުލަވާލައްވައި ގިނަ މަސައްކަތްތަކެއް ރައީސް އާއި ސަރުކާރުން ދަނީ މިހާރު ކުރަމުންނެވެ.