
--
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެނޓޯނިއޯ ގުޓެރޭޒްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާއި އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ސިޑްސް ޤައުމުތަކުގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި އދ. އިން ކުރަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ސިޑްސް ޤައުމުތަކުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އދ އިން ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މާލީ އިދާރާތައް މި މަސައްކަތުގައި ޝާމިލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމާއި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދެފަރާތުންވެސް އިތުރު އެެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުންނެވެ.
ގުޅުންހުރި

ހިިޖުރީ އާއަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި

ބައިބައިވުންތައް އެއްކިބާކޮށް ޤައުމީ މަޞްލަޙަތު ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުގެ އެންމެ މުހިންމު ފިލާވަޅު - ރައީސް

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަން ފަށައިފި، ރާއްޖޭގެ ވަފުދުން ޣައްޒާގެ ޙާލަތަށް އަޑުއުފުލާނެ!




