ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި
އަހުމަދު ޝުރާއު
11/13/2024, 7:16:49 PM
--
ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކުރެއްވީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ.
މި މަޝްވަރާގައި ވަނީ ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ޙުކުމް ކުރެވި ފަރުވާ ތަންފީޛު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ނިންމާފައެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން ފުލުހުން މެދުވެރިކޮށް މަގުމަތިން ނަގަން ފަށަފައިވާ ކަމަށެވެ.
އަދި ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން އެކަމަށް އެއްބާރުލުން ދިނުމަށް އެންޑީއޭގެ އެކްޓިން ސީއީއޯ ވަނީ އެދިވަޑައިގެންފައެވެ.
މިކަމަކީވެސް އުސޫލެއްގެ ތެރެއިން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވާ އެކްޓިން ސީއީއޯ ވިދާޅުވީ ޑްރަގް ފަރުވާއަށް ހުކުމްކޮށްފަ ތިބޭނީ އެންޑީއޭއަށް ފަރުވާއަށް އަންނަން އެންގިފައިވާ މީހުން ކަމަށެވެ.
ފަރުވާ ތަންފީޛު ކުރަން ފެށުމަށް ފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށް އެންޑީއޭ އިން މަޝްވަރާކުރައްވާފަވާއިރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.
މި މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.
ރާއްޖެއިން ބޭރުން ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިޔާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާއެކު އެމްއޯޔޫގައި ސޮއިކުރެވި އެންޑީއޭން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އެ އެޖެންސީން ދެމުންގެންދާ ރިމާންޑް ސެންޓަރުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ޚިދުމަތްދެވޭ ހުރިހާ މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ޚިދުމަތް ދެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.
އަދި ގއ.ދާންދޫ ޞިއްޙީ މަރުކަޒާއި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން އެރަށުގައި ޑިޓޮކްސްގެ ޚިދުމަތް ފަށާފައިވާ ކަމަށާއި ފުވައްމުލައް ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން މެތަޑޯން ފަރުވާގެ ޚިދުމަތް މިއަހަރުގެ މާރޗު ފަށާފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން މީގެ ކުރިން ވިދާޅުވެފައިވެއެވެ.