ޒަކްވާންގެ މޮޅު ކުޅުމާއެކު އައިލެންޑާސް ކަޓުވާލުމަށްފަހު ވަކަންޑާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
11/7/2024, 4:45:06 PM
އައިލެންޑާސް އާއި ވަކަންޑާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގުރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް ދޭއްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ވަކަންޑާ ސްޕޯޓްސް ކުލަބާއި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 18-29 ނަތީޖާއަކުން ކާމިޔާބުކޮށް، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވަކަންޑާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގައި އައިލެންޑާސް ކުޅުނު ފުރަތަމަ މެޗުގައި ބޮންތި އަތުން 22-18 ގެ ނަތީޖާއަކުން އެޓީމު މޮޅުވި، ނަމަވެސް ދެވަނަ މެޗުގައި ބުރު އަތުން އެޓީމު ވަނީ 22-19 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ވަކަންޑާގެ ފުރަތަމަ މެޗުގައި ބުރު އަތުން 18-21 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ބޮންތި އަތުން އެޓީމު ބަލިވީ 19-22 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ވަކަންޑާއިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 6-12 ގެ ނަތީޖާއަކުން ވަކަންޑާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 17 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އައިލެންޑާސް އިން ވެސް ވަނީ އިތުރު 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަކަންޑާގެ މުހައްމަދު ޒަކްވާން ސަމީލް އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވަކަންޑާސް ކުއާޓާ ފައިނަލުން ޖާގަހޯދިއިރު، މިމެޗުން ބަލިވި އައިލެންޑާސް ކުޅުނު ތިން ލިބުނު ތިން ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 16ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.