ފައިހާގެ 9 ލަނޑާއެކު ޕާލްސް އަތުން ޕޮލިސްއަށް ފަސޭހަ މޮޅެއް
އަހުމަދު މާހު
11/2/2024, 5:00:57 PM
ޕާލްސް އަދި ޕޮލިސް ކްލަބް ކުޅުނު މެޗުގެ ތެރެއިން.. ފޮޓޯ: މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް އެކެއްގައި މިރޭ ޕޮލިސް ކުލަބާއި ޕާލްސް ކުޅުނު މެޗު ފަސޭހަކަމާއެކު 8-19 ގެ ނަތީޖާއަކުން ޕޮލިސް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޕޮލިހުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 2-8 ގެ ނަތީޖާއަކުން ޕޮލިސް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 11 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޕާލްސްއަށް ކާމިޔާބުކުރެވުނީ އެންމެ ހަ ލަނޑެވެ.
އެގޮތުން މިމެޗުގައި ޕޮލިސް ޓީމުގެ އައިޝަތު ފައިހާ މޫސާ ނުވަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު ޝަހުޝަން އަދި އައިޝަތު ހަމްޒާ މިޔާޒް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަމަލް އަހުމަދު އަފީފް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޝަހުމާ މުހައްމަދު ރަޝީދު އަދި މަރިޔަމް އައިރީން އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޕާލްސްގެ މަރިޔަމް ސަނާ ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ސުމާ އިބްރާހިމް އަދި އާމިނަތު އަބްދުއް ރަޝީދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު އައިޝަތު އަބްދުލް ގާދިރު ކާމިޔާބުކޮށްދިން އިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ޓީމުގެ އައިޝަތު ފައިހާ މޫސާ އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.