ނޯވާ އަތުން ޔުނިޓީއަށް ތަފާތުބޮޑު މޮޅެއް
އަހުމަދު މާހު
11/1/2024, 3:30:44 PM
ޔުނިޓީ އަދި ނޯވާ ބައްދަލުކުރި މެޗުގެ ތެރެއިން.. ފޮޓޯ : މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ފަހެއްގައި ނޯވާ އާއި ޔުނިޓީ ކުޅުނު މެޗު ފަސޭހަކަމާއެކު 33-6 ގެ ނަތީޖާއަކުން ޔުނިޓީ ކާާމިޔާބުކޮށްފިއެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޔުނިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތް ލަނޑުގެ ލީޑަކާއެކު 12-5 ގެ ނަތީޖާއަކުން ޔުނިޓީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 21 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ނޯވާ އަށް ކާމިޔާބުކުރެވުނީ އެންމެ ތިން ލަނޑެވެ.
އެގޮތުން މިމެޗުގައި ޔުނިޓީގެ ފާތިމަތު އަނާ އަލީ ހަ ލަނޑު ކާމިޔާބުކުރިއިރު, އެ ޓީމުގެ އާމިނަތު ސަދާ އިބްރާހިމް އަދި އާމިނަތު އައިނަޝް މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ފާތިމަތު ލީމް ރިޝާދު ހަތަރު ލަނޑު ކާމިޔާބުކުރިއިރު, މަރިޔަމް ޔާނާ ނާސިހު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ ހައްވާ މުޝީރާ މުހައްމަދު އަދި އައިޝަތު ހުޝާމާ ހުސެއިން މިއިން ކޮންމެ ކުޅުންތެރިިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިނާ ލަތީފް، އާމިނަތު ނާޒްނީ، މަރިޔަމް މާހާ ސުހައިލް، މަރިޔަމް އިޝްފާ އަބްދުލް ހަލީމް އަދި އައިޝަތު މައިހާ މުނާޒް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ނޯވާގެ މަރިޔަމް ރާޔާ ރިފާތު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އައިޝަތު ޝުބާ ޝިހާބު ހަސަން ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނިޓީގެ ފާތުމަތު ލީމް ރިޝާދު އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.