އައިލެންޑާސް އަތުން ބުރަށް ފަސޭހަ މޮޅެއް
އަހުމަދު މާހު
11/1/2024, 12:55:31 PM
އައިލެންޑާސް އަދި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން .. ފޮޓޯ : މާއު ގްރަފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް ތިނެއްގައި އައިލެންޑާސް އާއި ބުރު ވާދަކުރި މެޗު ފަސޭހަކަމާއެކު 24-7 ގެ ނަތީޖާއަކުން ބުރު ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި އައިލެންޑާސް ކުޅުނު ފުރަތަމަ މެޗު ބޮންތި ވާދަކޮށް 18-22 މޮޅުވެފައިވާއިރު, ބުރު ފުރަތަމަ މެޗުގައި ވަކަންޑާ އަތުން މޮޅުވެފައިވަނީ 18-21 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-12 ގެ ނަތީޖާއަކުން ބުރު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 12 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އައިލެންޑާސް އަށް ކާމިޔާބުކުރެވުނީ އެންމެ ދެ ލަނޑެވެ.
އެގޮތުން މިމެޗުގައި ބުރު ސްޕޯޓްސް ކްލަބުގެ މުހައްމަދު ޝައިހާން އިބްރާހިމް, ނުވަ ލަނޑު ކާމިޔާބުކުރިއިރު, މިޓީމުގެ އަހުމަދު އަބްދުލް ސައްތާރު ވަނީ ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އިސްމާއިލް ޖައިޝަމް މުހައްމަދު އަދި މުހައްމަދު އަސްލަމް, މިއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކޮށްދިންއިރު, އެޓީމުގެ އިސްމައިލް އަހުމަދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ މުހައްމަދު ފައިސަލް, އަލީ އިމްދާހު ރަޝީދު މިއިން ކޮންމެ ކުޅުނަތެރިޔަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މީގެ އިތުރުން އައިލެންޓާޒްގެ އިބްރާހިމް އިޔާޒް, އަހުމަދު ލަޔާން ހިޖާޒް މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އަލީ ރުޒާމް, އަހުމަދު ނޫހު, ބާއިސް އަބްދުالله މިއިން ކޮންމެ ކުޅުންތެރިޔަކުވަނީ އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރު ސްޕޯޓްސް ކްލަބުގެ މުހައްމަދު ޝައިހާން އިބްރާހިމް އެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 16ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 16ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.