ރަށުން ބޭރުގައި ފިންލޭންޑް އަތުން އިންގްލެންޑަށް މުހިންމު މޮޅެއް
ހަސަން ޝަމްއޫން
10/14/2024, 3:42:36 AM
އިންގްލޭންޑާއި ފިންލޭންޑް ވާދަކުރި މެޗުގެ ތެރެއިން
ޔުއެފާ ނެޝަނަލް ލީގު ދެވަނަ ޑިވިޝަންގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ފިންލޭންޑާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި އިންގްލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ގްރީސް އަތުން ބަލިވެފައިވާއިރު، ފިންލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި އަޔަލޭންޑް އަތުން އެޓީމު ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައިއެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ އިންގްލޭންޑެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންގްލޭންޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޖެކް ގްރިލިޝް އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އިންގްލޭންޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 74 ވަނަ މިނެޓުގައި ފިންލޭންޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ޑިފެންޑަރު އެލެގްޒެންޑަރ އާނޯލްޑް ކާމިޔާބުކުރިއިރު، އޭގެ 10 މިނެޓް ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ.
ފިންލޭންޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރ އާޓޫ ހޮސްކެނެން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖައެކު ކުޅުނު ހަތަރު މެޗުން އިންގްލޭންޑަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ފިންލޭންޑް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިވި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.