ފަސޭހަކަމާއެކު އިޒްރޭލް ބަލިކޮށް ފްރާންސް ގުރޫޕްގެ ދެވަނައަށް
ހަސަން ޝަމްއޫން
10/11/2024, 5:05:33 AM
އިޒްރޭލާއި ފްރާންސް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ނެޝަނަލް ލީގު ފުރަތަމަ ޑިވިޝަން ގުރޫޕް ބީގައި ރޭ ރަށުން ބޭރުގައި ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން އިޒްރޭލް ބަލިކޮށް ފުރާންސުން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި ފުރާންސް އެންމެފަހުން ކުޅުނު މެޗުގައި ބެލްޖިއަމް އަތުން 2-0 ގެ ނަތީޖައަކުން މޮޅުވެފައިވާއިރު، އިޒްރޭލް އެންމެފަހުން ކުޅުނު މެޗުގައި އިޓަލީ އަތުން 2-1 ގެ ނަތީޖައަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
އަނިޔާގެ ސަބަބުން ކެޕްޓަން އެމްބާޕޭ އާއި ނުލައި ފުރާންސް އިން ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ރެއާލް މެޑްރިޑް މިޑްފީލްޑަރު އެޑްގާޑޯ ކަމަވިންގާ އެވެ.
އިޒްރޭލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އޮމްރީ ގެންޑަލްމެން އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓްފަހުން ފްރާންސްގެ ފޯވާޑް ކްރިސްޓޮފާ އެންކުންކޫ ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފްރާންސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑުކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި މިޑްފީލްޑަރު މަޓެއޯ ގުންޑޫޒީ ކާމިޔާބުކުރިއިރު، އޭގެ ދެމިނެޓް ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ބްރެޑްލީ ބާކޯލާ އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނައިގައި ފްރާންސް އޮތްެއިރު، މިމެޗުން ބަލިވި އިޒްރޭލް ކުޅުނު ތިން މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.