
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ތުއްތު ކުއްޖެއް ގައިގައި ޖެހި އެކްސިޑެންޓް ވެއްޖެ
# އެކްސިޑެންޓްމާލޭ މަޖީދީމަގުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ތުއްތު ކުއްޖެއް ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މާލޭ މަޖީދީ މަގު ވިލާމާޓް ކައިރީގައި ހިނގި މި އެކްސިޑެންޓަކީ ކަފި ހުރަހުން ހުރަސް ކުރަމުންދިޔަ ކުއްޖެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ހިނގައިދިޔަ އެކްސިޑެންޓެކެވެ.
މި އެކްސިޑެންޓް ގައި އަނިޔާވި ކުޑަކުއްޖާއަށް ފަރުވާދިނުމަށް ފުލުހުންގެ ވެހިކަލެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން ބުނީ, މަޖީދީ މަގު ވިލާ މާޓް ކައިރި ކަފި ހުރަހުން މަގު ހުރަސްކުރަން އުޅުނު 3 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް މިއަދު ހަވީރު3:40 ހާއިރު ރިޕޯޓް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އެ ކުއްޖާ ވެއްޓި ނިއްކުރިމަތި ދުޅަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކުއްޖާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވަން އިން މީހާއަކީ ލައިސެންސް އޮންނަ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.