
ވެމްކޯގެ ހިދުމަތްތަކަށް އިތުރު ބޮޅެއް: ބަންކަރިންގ ހިދުމަތް ހޯދަން އަންނަ ބޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް!
# ވެމްކޯ--
މިދިޔަ މަހު އިހަވަންދިއްޕޮޅުގައި ފެށި އުތުރު މެރިޓައިމް ސަރވިސްއަށް ވެމްކޯގެ ފަރާތުން ބައެއް ޚިދުމަތްތައް ހޯދުމަށް އެމްޕީއެލް އަދި ވެމްކޯއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
އެމްއޯޔޫގައި ސޮއި ކުރުމަށްފަހު ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ މިހާރު ޚިދުމަތްތައް ފެށިގެން ކުރިއަށްދާ އިންޓަރނޭޝަނަލް ބަންކަރިންގގެ ޚިދުމަތް ދެވެނީ. މިކަމުގައި ދިވެހި ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކެއް ބައިވެރިވެގެން ކަމަށެވެ. އެގޮތުން އެސްޓީއޯއާއި އެމްޕީއެލްގެ އިތުރުން ވެމްކޯވެސް ބަންކަރިންގ ހިދުމަތާއި މިއަދު ގުޅުނު ކަން ފާހަގަކުރައްވައި ވަޖީހް ވިދާޅުވީ ބަންކަރިންގެ ހިދުމަތް ހޯދަން ބޯޓުތައް އަންނަ އިރު، އެ ބޯޓުތައް ފުރައިގެން ދަނީ ހުރިހާ ކުނިތަކެއް އަންލޯޑު ކުރުމަށްފަހުގައި ކަމަށާއި ވެމްކޯއާއި ހަވާލުކުރީ އެކުނިތައް ނައްތާލުމުގެ ހިދުމަތް ކަމަށެވެ.
ވަޖީހު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ވެމްކޯއަށް ވެސް އެކަށީގެންވާ އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ.މިއަދުގެ ރަސްމިއްޔާތުގައި ވެމްކޯގެ އެމްޑީ މުޖުތަބާ ވިދާޅުވީ ބޯޓުތަކުގައި ހުންނަ ބޭނުންކޮށްފައިވާ ތެޔޮ ނައްތާލުމަކީ ވަރަށް ބޮޑު ޗެލެންޖިންއަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް ވެމްކޯގެ މެކޭނިޒަމްގެ ދަށުން އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އުތުރުގައި މިހާރު ވެމްކޯގެ މެގަ ވޭސްޓް މެނޭޖުމެންޓް ސާވިސް ސެންޓަރެއް ގާއިމުކޮށްފައި ހުންނާނެ ކަމަށާއި އަދި އދ. ކުނބުރުދޫގައި ރީޖަނަލް ވޭސްޓް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ މިިކަމަށް ހާއްސަ ކޮށްގެން ތަރައްގީ ކުރާ ސެންޓަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ބަންކަރިންގ ހިދުމަތް ފެށީ އެސްޓީއޯއިންނެވެ. މިއާއި އެކު ބަންކަރިންގ ހިދުމަތަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ އެމްޕީއެލްއާއި އެވެ.