ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރަން ހުޅުވާލައިފި
އަލްފާ އަލީ
10/3/2024, 6:53:10 AM
-
ފަތުރުވެރިކަމުގެ ދާއިރާގައި މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރަޖިސްޓްރީވުމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރަން އަންގާފައި މިވަނީ ފޮރިން އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒު ކުރުމަށް ބޭރު ފައިސާ އިން ކުރާ މުއާމަލާތްތައް ކަނޑައެޅުމާއި ފޮރިން އެކްސްޗޭންޖް ރޭޓާބެހޭ އެހެނިހެން ސިޔާސަތުތައް ކަނޑައެޅުމެގެ ގަވާއިދަށް އަމަލުކުރަން ފެށުމާއި ގުޅިގެންނެވެ.
އެމްއެމްއޭ އިން ބުނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓްރީން ވާން ޖެހޭ ކަމަށެވެ.
އެގޮތުން މި ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއިން ރިޕޯޓިން ރިކުއަމަންޓެއްގެ ގޮތުގައި އެކުލަވާލާފައިވާ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ވަނީ އަންގާފަ އެވެ.
ގަވާއިދަށް އަމަލު ކުރަން ފަށާ ދުވަހުގެ ފަހުން މީރާގައި ފަތުރުވެރިކަމުގެ ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުން، މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި އެ ފޯމް މެދުވެރިކޮށް އެމްއެމްއޭގައި ރެޖިސްޓްރީކުރަން ޖެހެއެވެ.
މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމެއްކަމުން, ހުރިހާ ފަރާތްތަކުންވެސް އެކަމަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން ވަނީ އެދިލައްވާފައެވެ.
ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ތެރެއިން ބައެއް ބޭންކުތަކަށް މާރުކުރުން އެމްއެމްއޭ އިން ވަނީ ލާޒިމުކޮށްފަ އެވެ