
އިރާނުން އިޒްރޭލަށް ހަމަލާދިނުމާއި އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ
# އިރާން-އިސްރާއިލް-
އިރާނުން މިރޭ އިޒްރޭލުގެ އެކި އަމާޒުތަކަށް ގިނަ އަދަދެއްގެ މިސައިލްތަކެއް ފޮނުވާލުމާއި އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ އެވެ.

އިރާނުން މިރޭ ވަނީ އިޒްރޭލަށް އަމާޒުކޮށް 200 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް ފޮނުވާލާފައި އެވެ. އޭގެ ތެރެއިން ގިނަ މިސައިލްތަކެއް އިޒްރޭލާއި އިޒްރޭލަށް އެހީވާ ގައުމުތަކުން ބާރުތަކުން އިންޓަސެޕްޓް ކުރި ނަމަވެސް ބައެއް މިސައިލްތައް ވަނީ އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް އަމާޒުވެފައި އެވެ.
މި ހަމަލާއާއި އެކު، ބްރެންޓް ކްރޫޑް ތެލުގެ އަގު 3.5 އިންސައްތައިން އުފުލި ފީފާއެއްގެ އަގު 74.21 ޑޮލަރަށް އަރާފައިވާއިރު، ޔޫއެސް ޓެކްސަސަް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) ގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުވެސް 3.5 އިންސައްތަ އުފުލި ފީފާއެއްގެ އަގު .5870 ޑޮލަރަށް ވަނީ މަތިވެފައި އެވެ.
އިރާނުން އިޒްރޭލަށް ހަމަލާދިނުމުގެ ކުރިން ހަމަލާގެ ރިޕޯޓުތައް ފެތުރެން ފެށުމާއި އެކުވެސް ތެލުގެ އަގު ވަނީ އުފުލިފައި އެވެ. އެގޮތުން ހަމަލާގެ ކުރިން ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 3 އިންސައްތަ އުފުލިފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ މަޝްރަހު ހޫނުވެ ގަލްފުން ތެޔޮ ބޭރުކުރަން ބޭނުންކުރާ ހޮރްމޫޒް ކަނޑުއޮޅި އިރާނުން ބަންދުކޮށްފާނެ ކަމުގެ ބިރެވެ.
މެދުއިރުމައްޗަކީ ދުނިޔޭގެ ތެލުގެ މައި މާކެޓެވެ. އެހެން ކަމުން މެދު އިރުމަތީގެ މަޝްރަހު ހޫނުވެއްޖެ ނަމަ ތެލުގެ އަގަށް އަންނަ ބަދަލުތަކާއި އެކު މެދު އިރުމަތިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކަށް އެކަން ވެގެންދާނީ ކަންބޮޑުވުމަކަށެވެ.
ގުޅުންހުރި

އިޒްރޭލަށް ހަމަލާއެއްދޭން މިދަނީ ތައްޔާރީތައް ވަމުން - އިރާން

ހަމަލާދީފިނަމަ އިޒްރޭލުގެ ހަކަތައާއި ގޭސް ސައިޓްތަކަށް ހަމަލާދޭނަނަށް: އިރާނު

އިރާނުގެ ރައީސް , އަނިޔާވެރި ނަތަންޔާހޫއަށް: މިރޭގެ ހަމަލާއަކީ އަހަރަމެންގެ ގާބިލުކަމުގެ ކުޑަ މިންވަރެއް!
