7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މާދަމާ ފަށަނީ!
އަލްފާ އަލީ
9/30/2024, 7:22:23 AM
-
7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
އޮކްޓޫބަރު މަހުގެ 1-2 އަށް ސީ.އެޗް.އެސް.އީ-މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްއަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ ކޮންފަރެންސްއެކެވެ.
މިއަހަރުގެ ކޮންފަރެންސްއަށް ޚާއްޞަ ކުރެވިފައިވާ ތީމް އަކީ
"Educate، Empower, Elevate: Equitable Education for 21st Century Excellence"
މި ކޮންފަރެންސަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސްއެކެވެ. 2 ދުވަހަށް ދެމިގެންދާ މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރީ ކޮށްފައިވާއިރު މިއަހަރުގެ ކޮންފަރެންސްއަށް 60 ރިސަރޗް ޕޭޕަރާއި، 4 ކޭސް ސްޓަޑީ ހުށަހަޅާފައިވެއެވެ. އަދި މި ކޮންފަރެންސްގައި 2 ކީނޯޓް އަދި 2 ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މިފަދަ ކޮންފަރެންސެއް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ, ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރެވިދާނެ ގޮތްތައް ދެނެގަތުން ކަމަށް ތައުލީމީ ވުޒާރާއިން ބުނެއެވެ. އަދި ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަކީވެސް މިފަދަ ކޮންފަރެންސެއް ބެއްވުމުގެ މުހިންމުގެ މަގްސަދެއް ކަމަށް އެވުޒާރާއިން ބުނެއެވެ. ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށްދިނުމާއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ކުރިއެރުވުމަށް މި ފަދަ ކޮންފަރެންސެއް ބޭއްވުގެ މަގްސަދެއް ކަމަށް ތައުލީމީ ވުޒާރާއިން ބުނެއެވެ.
2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވިއެވެ.