--
ޕަބްލިސް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޑޮލަރު ގަތުމުގެ ނަމުގައި ހިންގި ހިޔާނާތުގެ މައްސަލަ އޭސީސީއަށް ފޮނުވައިފި އެވެ.
ޕީއެސްއެމް އަށް ބޭނުންވާ ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އަދި ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން ޖުމްލަ 9 މިލިއަން ރުފިޔާ ގެއްލިފައިވާ މައްސަލަ ތަހުގީގު ކުރަން އޭސީސީއަށް ފޮނުވާފައިވާކަން ހާމަކުރީ ފުލުހުންނެވެ.
އެގޮތުން ފުލުހުން މިއަދު ބުނީ ޕީއެސްއެމްއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހްތިސާސް އޮންނަނީ އޭސީސީ ގައި ކަމަށް ވުމުން އެ މައްސަލަ ފުލުހުން، އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.
މި ހިޔާނާތާގުޅޭ އޮޑިޓު ރިޕޯޓު އޮޑިޓު އޮފީހުން އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުންޏަށް ޑޮލަރު ގަތުމަށް ކަމަށް ބުނެ ނެގި ފައިސާގެ ތެރެއިން ބޮޑު އަދަދެއް އަދި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން ބޮޑު އަދަދެއް ގެއްލިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ފަރާތްކަށް ޑޮލަރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޑޮލަރު ގަތުމަށް 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގާފައިވާ ފައިސާގެ ތެރެއިން 4.6 މިލިއަން ރުފިޔާ އާއި 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕުރީލު މަހުގެ ނިޔަލަށް ޕީއެސްއެމް އަށް އާމްދަނީ އާއި އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވ ނަގުދު ފައިސާގެ 4.3 މިލިއަން ރުފިޔާ އަދި ތިޖޫރީގައި ބެހެއްޓި ނަގުދު ފައިސާގެ ތެރެއިން 190،000ރ. ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2020 އިން 2024 ވަނަ އަހަރުގެ އޭޕްރީލްގެ ނިޔަލަށް އެކި ފަހަރުމަތިން ޕީއެސްއެމްގެ އެކައުންޓުން 5.8 މިލިއަން ރުފިޔާ ވަނީ ނަގާފަ އެވެ. މި ފައިސާގެ ތެރެއިން ކުންފުންޏަށް ލިބިފައިވަނީ 1.20 މިލިއަން ރުފިޔާއަށްވާ 76،000 ޑޮލަރު ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި މި ފައިސާގެ ތެރެއިން ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު އަހްމަދު ހަނީފުގެ ދަރިއެއްގެ އެކައުންޓަށް 1.16 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. މީގެއިތުރުން ޕީއެސްއެމް އަށް 2017 އިން 2024 ގެ ނިޔަލަށް ނަގުދު ފައިސާގެ ގޮތުގައި ލިބުނު 4.3 މިލިއަން ރުފިޔާ އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އޭގެ ތެރެއިން 4.1 މިލިއަން ރުފިޔާއާ އެންމެފަހުން ހަވާލުވި ކަމަށް ރެކޯޑުތަކުން ދައްކަނީ ހަނީފު ކަމަށްވެސް ބުނެފައިވެ އެވެ.
އަދި އޮންލައިން ޓްރާންސްފާކޮށްގެން 1.2 މިލިއަން ރުފިޔާ ނަގާފައިވާއިރު އޭގެ ބޮޑުބައެއް ޖަމާކޮށްފައިވަނީ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ނަމުގައި ބީއެމްއެލްގައި ހުޅުވަފައިވާ އެކައުންޓަކަށްކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އޭނާއަށް 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.