
ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން "މޯލްޑިވްސް މޯމަންޓްސް2024"ގެ ނަމުގައި ޚާއްސަ މުބާރާތެއް!
# އެމްއެމްޕީއާރުސީ--
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން "މޯލްޑިވްސް މޯމަންޓްސް2024"ގެ ނަމުގައި ރާއްޖެ އިޝްތިހާރުކުރުމަށް މުބާރާތެއް ފަށައިފިއެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން މިއަދު ފެށި މި މުބާރާތަކީ އަންނަމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. އެމްއެމްޕީއާރްސީން ބުނީ މި މުބާރާތުގެ ތެރެއިން ރާއްޖޭގެ ހިތްގައިމު ފޮޓޯތައް ނުވަތަ ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި "މޯލްޑިވްސްމޫމަންޓްސް2024" ހޭޝްޓެގް ބޭނުންކޮށްގެން ހިއްސާކުރާއިރު ކުރު ތަފްސީލެއްވެސް ހިއްސާކުރަން ޖެހޭ ކަމަށާއި މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ނަލަކަން ދައްކުވައިދިނުމަށް ހިތްވަރުދޭކަމަށެވެ.
މި މުބާރާތަކީ 18 އަހަރު ފުރިފައިވާ ބައިނަލްއަގުވާމީ އަދި ދިވެހީން ހިމެނޭ ގޮތަށް އާންމުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށްވާއިރު އެގޮތުން, ފޮޓޯތައް ހުށަހަޅަން ޖެހޭނީ 1:1 ރޭޝިއޯއެއްގަ އެވެ. އަދި ވީޑިއޯތައް ހުންނަން ޖެހޭނީ ދިގުމިނުގައި 60 ސިކުންތަށް ވުރެ ދިގު ނޫން 16:9 ޕޯޓްރެއިޓް ފޯމެޓެއްގަ އެވެ.
މި މުބާރާތަށް އޭއައި އިން އުފައްދާ ކޮންޓެންޓް ބަލައިނުގަނެވޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.
މި މުބާރާތުން އެއްވަނައަށް ދާ ނަސީބުވެރި ފަރާތަކަށް 4 ރޭގެ ހާއްސަ ޗުއްޓީއެއް ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްއިން ދިނުމަށް ވަނީ ނިންމާފައި އެވެ. އަދި ނަސީބުވެރި ފަރާތުގެ ހުށަހެޅުން ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކާއި އެހެނިހެން ޕްރޮމޯޝަނަލް ހަރަކާތްތަކުން ފެންނާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
ގުޅުންހުރި

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

ވިޒިޓް މޯލްޑިވްސް ހެކަތޯން ރަސްމީކޮށް ފަށައިފި

އާއަހަރު ފެށުން ފާހަގަކުރަން މިފަހަރު ޑްރޯން ޝޯއަކާއި އެކު ފުޑް ފެސްޓިވަލެއް ހުޅުމާލޭގައި: ހަވާވެސް އަަރުވާނެ!
