ޑިޖިޓަލް ބައިބައިވުން ނައްތާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި
އަހުމަދު ޝުރާއު
9/23/2024, 2:33:56 PM
--
ޑިޖިޓަލް ބައިބައިވުން ނައްތާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މިފަދައިން ގޮވާލެއްވީ ޤައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަޤުބަލު ރައްކާތެރިކުރުމަށް ޚިޔާލު ހޯދުމަށް އދ ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގެ ތެރެއިން ކުރިޔަށްދާ ސަމިޓް ފޯ ފިއުޗާގެ މިއަދުގެ ޑައަލޮގްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން "ސަމިޓް އޮފް ދަ ފިއުޗާ" އިންޓަރެކްޓިވް ޑައިލޮގް 3 ގެ ކޯޗެއާގެ ހައިސިއްޔަތުން ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ޑިޖިޓަލް ބައިބައިވުން ނައްތާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލެއްވިއެވެ.
"ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާ: ސްޓްރެންތެނިން އިންކްލޫސިވް އިނޮވޭޝަން އެންޑް ކޯޕަރޭޝަން ޓު ބްރިޖް ދަ ޑިޖިޓަލް ޑިވައިޑްސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޑައިލޮގްގައި ޑިޖިޓަލް ޒަމާނުގައި އެއްވެސް ގައުމެއް ނުވަތަ ވަކި ފަރުދަކު ފަހަތަށް ނުޖެހޭނެ ގޮތްތަކާ ބެހޭ ގޮތުން ދުނިޔޭގެ ލީޑަރުން ވަނީ މަޝްވަރާކޮށްފަ އެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަށްވެސް އިންޓަނެޓުން މަހުރޫމް ވެފައިވާކަން ފާހަގަކުރެއްވި އެވެ.
"މި ޑިޖިޓަލް ޑިވައިޑަކީ ހަމައެކަނި އިންޓަނެޓަށް ވަނުމެއް ނޫން. އެއީ ތަރައްގީއާއި ފުރުސަތާއި އަދުލު އިންސާފަށް އޮތް ވަރަށް ބޮޑު ހުރަހެއް،" ރައީސް ވިދާޅުވި އެވެ.
ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތައް (އެލްޑީސީ) އަދި ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓްރީސް (އެލްއެލްޑީސީ) އަށް މި ބައިބައިވުމުގެ ސަބަބުން މިހާރު ހުރި ގޮންޖެހުންތައް އިތުރަށް ގޯސްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ދުނިޔޭގެ ޑިޖިޓަލް ފަރަގު ނައްތާލުމަށް މައިގަނޑު ތިން ލަފައެއް ފާހަގަކުރައްވާފައެވެ.
- ޑިޖިޓަލް އިޤްތިޞާދަށް ޒުވާނުން ބާރުވެރިކުރުވުން: ޑިޖިޓަލް އިޤްތިޞާދުގައި ބައިވެރިވުމުގެ ހުނަރުން ޒުވާނުން އަހުލުވެރިކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. އަދި ޑިޖިޓަލް ސްކިލިންގ، ރީ-ސްކިލިންގ އަދި މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ފްރީލާންސް މަސައްކަތްތެރިން ދުނިޔޭގެ ބާޒާރުތަކަށް ވެއްދުމަށް ރާއްޖެއިން ކުރާ އިންވެސްޓްމަންޓްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި.
- ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކުރުން: ރައީސް މުއިއްޒު ވަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ހަލުވި ސްޕީޑްގެ އިންޓަނެޓް ފުޅާކުރުމަށާއި ޒަރޫރީ ހިދުމަތްތައް ޑިޖިޓަލްކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލައްވައިފައި. އަދި ދެމެހެއްޓެނިވި ތަރައްގީގެ 2030 ވަނަ އަހަރުގެ އެޖެންޑާ ހާސިލްކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީއަކީ ވަރަށް މުހިންމު ޓެކްނޮލޮޖީތަކެއްކަން ފާހަގަކުރެއްވި. އަދި ކަނެކްޓިވިޓީ އާއި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް މުހިންމު މަޝްރޫއުތަކެއް ހިންގަމުން އަންނަ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ މެދުވެރިކޮށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރެއްވި.
- ސައިބާ ސެކިއުރިޓީ އިތުރުކުރުން: ގިނަ ބަޔަކު އޮންލައިންވުމުން ސައިބާ ސެކިއުރިޓީގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރު ރައީސް ދެއްވި. ރައީސް ވިދާޅުވީ ރާއްޖެއިން ނޭޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީ އުފައްދައިފައިވަނީ ހުއްދަ ނޫން ގޮތަކަށް އެކްސެސް ކުރުމާއި ޑޭޓާ ޕްރައިވެސީ އާ ހިލާފުވުމާއި އެކައުންޓް ހައިޖެކްކުރުން ފަދަ މައްސަލަތައް ހައްލުކުރުމަށް ކަމަށް. އަދި ރެސިލިއަންޓް ސައިބަރ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމާއި އިންވެސްޓްމަންޓާއި ޕާޓްނަރޝިޕްތައް ޤާއިމުކުރުމަށް އެދިވަޑައިގެންނެވި.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ޑިޖިޓަލް މުސްތަޤްބަލެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދުނިޔޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އެއްވެސް މީހަކު ފަހަތަށް ނުޖެހޭނެ ފަދަ ސިޔާސަތުތައް ދެނެގަތުމަށް ސަމިޓުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
މި ސަމިޓް ސެޝަންގެ ސަބަބުން ޑިޖިޓަލް ބައިބައިވުން ނައްތާލުމުގައި ޤައުމުތަކުގެ ތަޖުރިބާއާއި، ބެސްޓް ޕްރެކްޓިސްތަކާއި ގޮންޖެހުންތައް ޙިއްޞާކުރުމަށް މުހިންމު ޕްލެޓްފޯމެއް ލިބިގެންދިޔައިރު، މިސަމިޓް ސެޝަންގެ އަމާޒަކީ، އެންމެންނަށް ވެސް ހަމަހަމަ ޑިޖިޓަލް މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމެވެ.