"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ސީޒަން ދޭކާއެކު އެނބުރި އަތުވެއްޖެ
ސާރާ އަހުމަދު
9/18/2024, 7:11:23 AM
--
ނެޓްފްލިކްސްގެ ހިޓް ކޮމެޑީ ސިލްސިލާ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ގެ ދެވަނަ ސީޒަން މި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ޕްރިމިއާ ކުރަން ތައްޔާރުވަމުން އަންނައިރު، މިއީ ފުރަތަމަ ޝޯއަށް ވުރެ ވެސް ބޮޑު އަދި މަޖާ ޝޯއަކަށް ވާނެ ކަމަށް ބެލެވެއެވެ.
އާ ސީޒަންގައި ބޮލީވުޑްގެ ސުޕަސްޓާރުންނާއި ކްރިކެޓް ލެޖެންޑުންނާއި މަޝްހޫރު ޓީވީ ތަރިން ހިމެނޭ ސެލެބްރިޓީ މެހެމާނުންގެ ލައިންއަޕެއް ހިމެނެ އެވެ. އެގޮތުން މަޝްހޫރު ބަތަލާ އާލިއާ ބަޓް އާއި ޖާންވީ ކަޕޫރުން ފެށިގެން ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރާއި ސައިފް އަލީ ޚާން އާއި ދެކުނު އިންޑިއާގެ ފިލްމީ ދާއިރާގެ މަޝްހޫރު ސުޕަސްޓާރުންވެސް ހިމެނެއެވެ. އަދި މި ސީޒަންގައި "ދަ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ކާސްޓުން ވެސް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. އަދި މީގެ އިތުރުން ޓީ-20 ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިން ވެސް ފެނިގެންދާނެއެވެ.
ޝޯ އުފައްދާ ހޯސްޓްކުރާ ކަޕިލް ޝަރުމާ ބުނެފައިވަނީ ވަނީ މިފަހަރުވެސް ހުނަރުވެރި ކޮމީޑިއަނުންގެ ކާސްޓެއް ބެލުންތެރިންނަށް ފެނުގެންދާނެ ކަމަށެވެ. އެގޮތުން މި ސީޒަނުންވެސް ސުނިލް ގްރޯވާ، ކްރިޝްނާ އަބީޝެކް، ކިކޫ ޝާރްދާ، ރަޖީވް ތާކޫރު އަދި އަރްޗަނާ ޕޫރަން ސިންގް ފަދަ ކޮމީޑިއަނުން ފެނިގެންދާނެއެވެ.
ކުރިއަށް އޮތް ސީޒަނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަޕިލް ޝަރުމާ ބުނީ ވައުދާ އެއްގޮތަށް މާ ގިނަ ދުވަހެއް ނުވެ ޝޯވ ގެ ދެވަނަ ސީޒަނާއިއެކު އެނބުރި އައީ ކަމަށެވެ. "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ގެ ސީޒަން އެކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު ލޯތްބަށް ކަޕިލްވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިއެވެ.
ނެޓްފްލިކްސް އިންޑިއާގެ ސީރީޒް ހެޑް ތާނިޔާ ބާމީ އިތުރަށް ބުނިގޮތުގައި "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ގެނެސްދިނުމަކީ 2024 ވަނަ އަހަރު ނެޓްފްލިކްސްއަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ އެއްކަން ކާމިޔާބު ކަމަށާއި, މި އަހަރު ދެވަނަ ސީޒަނަކަށް ޝޯ ގެނެސްދިނުމަކީ ވަރަށް އުފާ ކުރާ ކަމެއްކަމަށެވެ.
13 އެޕިސޯޑުގެ މި ސީޒަން ޕްރިމިއާ ކުރާނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެޔަށްފަހު ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 8:00 ގައި އާ އެޕިސޯޑެއް ނެޓްފްލިކްސްއިން ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާނެ އެވެ.