
--
ހުސްވެފައިވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރަން ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރުމަށް ޖުޑީޝަރީ ކޮމެޓީން ފާސްކުރީ މިއަދު އޭނާ ކޮމެޓީއަށް ހާޒިރުކޮށް އިންޓަވިއުކުރުމަށް ފަހުގައި އެވެ. ޕީޖީގެ މަގާމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވީ އައްބާސްގެ ނަން އެކަންޏެވެ.
އިންޓަވިއު އަށް ފަހު ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުުސްނީ މުބާރިކު ވިދާޅުވީ އައްބާސް އާ މެދު އާންމުންގެ ޝަކުވާ އަށް ހުޅުވާލުމުން އެއްވެސް ޝަކުވާއެއް ނުލިބޭ ކަމަށާއި، އިންޓަވިއު އިން އެވަރެޖްކޮށް ލިބިފައިވަނީ 93.91 ޕަސެންޓު ކަމަށެވެ.
އައްބާސް އަށް ރުހުން ދޭން ފެންނަކަމަށް ޖުޑިޝަރީ ކޮމިޓީން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.
މިއާއި އެކު އައްބާސް އަށް ރުހުން ދޭން މަޖިލީހުގެ ތަޅުމަށް މިހާރު ވަނީ ފޮނުވާފައި އެވެ. މަޖިލިސް މިހާރު ޗުއްޓީގައި އޮތުމުން ދާދި އަވަހަށް އޭނާއަށް ރުހުން ދިނުމަށް ދައުރުން ބޭރުން މަޖިލީސް ޖަލްސާއެއް ބާއްވާނެ އެވެ. އައްބާސް ޕީޖީގެ މަގާމަށް އައްޔަނުކުރާނީ މަޖިލީހުގައި ނަގާ ވޯޓަށް ފަހުގައި އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް، މިދިޔަ މަހުގެ 22 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެކަމަކު ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، އެ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ނިންމީ ޝަމީމް މަގާމުން ވަކިކުރުމަށެވެ.
ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ގުޅުންހުރި

އިންޒާރު ދިންކަމަށް މާނަކުރެވޭފަދަ އިބާރާތެއް ރައީސް ބޭނުމެއް ނުކުރައްވާ, ދައުވާ ނުކުރަން - ޕީޖީ އޮފީސް

ބަންދު ފޯރަމް މިފަހަރު ޖުޑީޝަރީއަށް!

އަދީބުއާއި އޭނާގެ ބައިވެރިންނާއި އެކު ދައުލަތުން އެކުލަވާލި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް!
