ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިންތަކެއް ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލައިފި
އަހުމަދު ޝުރާއު
9/12/2024, 1:59:22 PM
--
ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިން ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިން ދޫކުރަން ނިންމާފައިވަނީ ބީލަމުގެ އުސޫލުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ ބިމާއި ބީޗް ސައިޑުން ވިއްކާ ބިމެވެ.
އެގޮތުން، ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ. ކަމަށާއި، އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ. އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެ ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ.
ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެއެވެ.
އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީއިން ވިދާޅުވީ، ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުން ކަމަށެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައިވާނަމަ، ބިޑް ކުރުން ކަމަށްވެސް ވިދާޅުވެއެވެ.
މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެ ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެންހުންނާނެ ކަމަށާއި، އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.