94.7 އިންސައްތަ ވޯޓާއެކު އަލްޖީރިއާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޢަބްދުލްމަދްޖިދު ޓެބޫނޭ އިންތިހާބުވެއްޖެ
އަހުމަދު ޝުރާއު
9/8/2024, 4:45:45 PM
--
އަލްޖީރިއާގެ މިހާރުގެ ރައީސް އަބްދުލްމަދްޖިދު ޓެބޫނޭ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި އެވެ.
އަލްޖީރިއާގެ ލެކްޓޯރަލް އޮތޯރިޓީން ދާދި ދެންމެ އަކު ވަނީ އެގައުމުގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އާންމުކޮށްފައެވެ. އެގޮތުން އިންތިހާބުން 94.7 އިންސައްތަ ވޯޓާއި އެކު ދެވަނަ ދައުރަކަށް މިހާރުގެ ރައީސް އަބްދުލްމަދްޖިދު ޓެބޫނޭ އިންތިހާބުވިކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ.
މި އިންތިހާބުގައި އޭނާއާއި ދެން ވާދަކުރެއްވީ އަބްދުލްދާލީ ހަސަނީ ޗެރިފް އާއި ޔޫސުފް އައުޗީޗޭ އެވެ. އެގޮތުން އަބްދުލްދާލީ ހަސަނީ ޗެރިފް އަށް ލިބިފައިވަނީ 3 އިންސައްތަ ވޯޓެވެ. ޔޫސުޕަށް ލިބިލެއްވީ 2.1 އިންސައްތަ ވޯޓެވެ.
މި ނަތީޖާ ވެގެންގޮސްފައިވަނީ އެގައުމު އިންތިހާބު އޮބްޒާވްކުރަމުން ދިޔަ ބައެއް އޮބްޒާވަރުންނަށްވެސް ބޮޑު ހައިރާންކަމެއް ލިބުނު ނަތީޖާއަކަށެވެ.
އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ އަލްޖީރިއާއަކީ އެސަރަހައްދުގެ އެންމެ މުއްސަދި އެއް ގައުމެވެ. އެގޮތުން ގާތްގަނޑަކަށް 45 މިލިއަން މީހުން ދިރިއުޅޭ އަލްޖީރިއާއަކީ ދެކުނު އެފްރިކާއަށް ފަހު 2024 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާއްވާ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމެވެ.