ޖުނާގެ 14 ލަނޑާއެކު އެމްޕީއެލް ކަޓުވާލުމަށްފަހު ވެމްކޯ ފައިނަލަށް
ހަސަން ޝަމްއޫން
9/7/2024, 5:30:16 PM
އެމްޕީއެލް އާއި ވެމްކޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަން ސެމީ ފައިނަލް ދެވަނަ މެޗުގައި ވެމްކޯ އާއި އެމްޕީއެލް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 33-40 ގެ ނަތީޖާއަކުން މޮޅުވެ ވެމްކޯ އިން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އެމްޕީއެލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ކުޅުން ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ބަލިވީ އިމިގްރޭޝަން އާއި ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އަދި ވެމްކޯ ސެމީ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ ހަތަރުވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު ތިން މެޗުން ވަނީ ބަލިވެފައެވެ. އަދި މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 20-26 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްޕީއެލް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 16-19 ގެ ނަތީޖާއަކުން ވެމްކޯ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވެމްކޯ އިން އިތުރު 21 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްޕީއެލްއަށް ކާމިޔާބުކުރެވުނީ 17 ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާތުމަތު ޖުނާ އެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމު ބައިވެރިވިއިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ.
މީގެ އިތުރުން މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.