ފަސޭހަކަމާއެކު ސީއާރުސީ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އިމިގްރޭޝަނަށް
ހަސަން ޝަމްއޫން
9/7/2024, 4:30:41 PM
އިމިގްރޭޝަން އާއި ސީއާރުސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި އިމިގްރޭޝަން އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރުސީ) ވާދަކުރި މެޗު ފަސޭހަކަމާއެކު 57-22 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ އިމިގްރޭޝަނުން ހޯދައިފިއެވެ.
އިމިގްރޭޝަން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު ފަސް މެޗުން މޮޅުވެ 15 ޕޮއިންޓާއެކު، ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ސީއާރުސީ ސެމީ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި އެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، އަނެއް ދެމެޗުން ވަނީ ބަލިވެފައެވެ. އަދި މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު 19-35 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިމިގްރޭޝަން އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިމިގްރޭޝަން ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 19 ލަނޑުގެ ލީޑަކާއެކު 10-29 ގެ ތަފާތުބޮޑު ނަތީޖާއަކުން އިމިގްރޭޝަން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 26 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސީއާރުސީއަށް ކާމިޔާބުކުރެވުނީ 11 ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ އާމިނަތު އިސްރާއު އަބްދުއް ޝުކޫރު އެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމު ބައިވެރިވިއިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ.
މީގެ އިތުރުން މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.